މި ހަފްތާ އަކީ ބައިނަލްއަގުވާމީ ގާތުން ކިރު ދިނުމުގެ ހަފްތާއެވެ. އެއާއި އެކު ގާތުން ކިރު ދިނުމާއި ބެހޭ ބައެއް އަސާސީ މައުލޫމާތު، ކުރުގޮތަކަށް، ފަހުމްވާން ފަސޭހަ ގޮތަކަށް އެކި ލިޔުންތަކުގެ މައްޗަށް ބަހާލައިގެން ގެނެސްދޭނަމެވެ. މި ލިޔުމުގައި މި ބަލާލަނީ ގާތުން ކިރު ދިނުމުން މައިމީހާ އަށާއި އަދި ތުއްތު ދަރިފުޅަށް ލިބޭ ފައިދާތަކަށެވެ.

ގާތުން ކިރު ދިނުމުން ތުއްތު ދަރިފުޅަށް ލިބޭ ފައިދާތައް އެހާމެ ގިނަގުނައެވެ. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ފައިދާ އަކީ މައިމީހާ އާއި ދަރިފުޅާއި ދެމެދުގައިވާ ލޯބީގެ ގުޅުން، ނަފްސާނީގޮތުން ބަދަހިވެގެން ދިއުމެވެ. މައިމީހާގެ ކިރުގައި، ދަރިފުޅަށް ބޭނުންވާ ހުރިހާ މާއްދާތަކެއް އެކުލެވިގެންވެއެވެ. އެ ކިރުގައި ލޭބަލްކޮށް، އެވެނި މިވެނި މާއްދާތަކެއް އެބަހުއްޓޭ ނުލިޔާތީ އަހަރެމެންނަށް ގަބޫލުނުކުރެވެނީއެވެ. ނަމަވެސް އެއަި ގުދުރަތުގެ ބުއިމެކެވެ. އަހަރެމެން ހެއްދެވި އިލާހަށް އަހަރެމެންނަށް ބޭނުންވާ މާއްދާތައް ފުރިހަމައަށް، މޮޅަށް ދެނެވޮޑިގެންވާނެއެވެ. މައިމީހާގެ އުރަމަތިން އަންނަ ފުރަތަމަ ކިރުން (ކޮލަސްޓްރަމް) ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދޭނެއެވެ. ހަމަ އެކަނި ގާތުން ކިރުދޭ ތުއްތުކުއްޖެނަމަ، އެ ތުއްތުކުއްޖާގެ އެންމެ ޅަ ދުވަސްތަކު، އެލާޖިކުތަކުން ރައްކާތެރިވެއެވެ. މައިމީހާގެ ކިރަކީ އެ ދަރިފުޅުގެ ސިކުނޑި ތަނަވަސްވެ ތޫނުފިލިކަން އިތުރުކޮށްދިނުމަށް އެހީތެރިވެދޭ ކިރެކެވެ. ތުއްތު ކުއްޖާގެ ފުރަތަމަ 6 މަސްދުވަހު ހަމަ އެކަނި ގާތުން ކިރު ދީފިނަމަ، އެ ކުއްޖާ ބޮޑުވަމުން ދާ ދިއުމުގައި މާބޮޑަށް ބަރުދަން އިތުރުވެ، ފަލަވެ، އޭގެ ސަބަބުން ދިމައިވާ ދަތިރަކުން ރައްކާތެރި ކޮށްދޭނެއެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި 2 އަހަރު ވަންދެން މައިމީހާގެ ކިރު ބޯ ކުއްޖެނަމަ، އެ ކުއްޖާ ބޮޑުވުމުން ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ (ޓައިޕް 2) ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

ކަން އޮތީ މިހެން ނަމަވެސް ދަރިފުޅަށް ގާތުން ކިރު ދިނުމުގެ އިތުރަށް، މޮޅެތި ނަންނަމުގައި ހަދާފައި ހުންނަ އަގުބޮޑު ކިރު ގަނެގެން ގިރާފައި ދިނުމަކީ ބައެއް މައިންގެ އާދައެކެވެ. ނަމަވެސް އެއީ މުޅިއަކުން ރަނަގަޅު ކަމެއް ނޫނެވެ. ގާތުން ދިނުމުގައި އިހުމާލު ނުވާށެވެ.

ގާތުން ކިރު ދިނުމުން ފައިދާ ކުރަނީ ހަމަ އެކަނި ދަރިފުޅަކަށް ނޫނެވެ. މައިމީހާ އަށްވެސް އެކަމުން އެތައް ފައިދާއެއް ލިބިދެއެވެ. ފުރަތަމައީ ކުރިންވެސް ދެންނެވި ފަދައިން މައިމީހާ އާއި ދަރިފުޅުގެ ލޯބީގެ ގުޅުން، ނަފްސާނީ ގޮތުން ބަދަހިވެގެން ދިއުމެވެ. ގާތުން ކިރު ދިނުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ހަށިގަނޑުގައި ހޯމޯންތަކެއް އުފައްދާ ކަމެކެވެ. އެއާއި އެކު ގިނައިން ގައްސާނަމަ، ގިނައިން ކިރު އަރާނެއެވެ. އަގި އެފަދައިން އުފެދޭ ހޯމޯނެއްގެ ސަބަބުން، ވިހެއުމާއި ވިދިގެން އަންނަ ރަހިމުގެ ލޭ އައުން ހުއްްޓުވާ ސާފުވުމަށް އެހީތެރިވެދެއެވެ. އަދި މާބަނޑު ވުމާއި ވިހެއުމާއި ގުޅިގެން ރަހިމަށް އައިސްފައިވާ ބަދަލު އިއާދަކަށް ރަހިމުގެ އަސްލު ހާލަށް (އަސްލު މިނަށާއި މަގާމަށް) ރުޖޫއަވުން އަވަސްވެދެއެވެ. ވިހެއުމަކީ އޭގެ ފަހަތުގައި ބައެއް އަންހެނުންނަށް ބައެއް ކަހަލަ ނަފްސާނީ ކަންކަން ދިމައިވާ ކަމެކެވެ. އެއަށް ޑަކްޓަރީ ގޮރުން ޕޯސްޓް ޕާޓަމް ޑިޕްރެޝަން އޭ ކިޔައެވެ. ދިރާސާވެރިން ވިދާޅުވާ ގޮތުގައި މި ނަފްސާނީ މައްސަލަތަކަށް އޮތް އެންމެ މުޖައްރިބު ފަރުވާ އަގީ ގާތުން ކިރު ދިނުމެވެ. ހަމަ އެއާއި އެކު ގާތުން ކިރު ދިނުމަކީ މައިމީހާގެ ބަރުދަން ލުއިކޮށްދީ ނުވަތަ އެއް ވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އިސްވެ ބުނުވެނު ހޯމޯން ތަކާއި، ދެންވެސް ގާތުން ކިރު ދިނުމުން މައިމީހާގެ ހަށިގަނޑުގައި ހިނގާ ބައެއް ކަންކަމުގެ ސަބަބުން، ގާތުން ކިރު ދިނުން ވެގެން ދަނީ ރަހިމާއި އުރަމަތީގެ ކެންސަރުފަދަ ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމަކަށެވެ.

ބައެއް މަންމައިންނަށް ހީވެފައި އޮންނަނީ ގާތުން ކިރުދިނުމަކީ އެ މައިންގެ ރީތިކަން ގެއްލިދާ ކަމެއް ކަމުވައެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ހަގީގަތަކީ ގާތުން ކިރުދޭ މައިންގެ "ރޫހު" ވަރަށްވެސް ރީތި ކަމެވެ. ގާތުން ދިނުމަކީ މަންމަ އާއި ތުއްތު ދަރިފުޅަށްވެސް ފައިދާ ކުރާ ކަމެކެވެ. މިފަދަ އެންމެ ލިޔުމެއް، ދެ ލިޔުމެއް މި ފައިދާތައް ބަޔާން ކުރުމަކަށް ނުފުދޭނެއެވެ. ނަމަވެސް ކިޔަން ފަސޭހަ، ފަހުމްވާން ލުއި ގޮތަކަށް މި ލިޔުމުގައި ބައެއް އަސާސީ ފައިދާތައް ހިމަނާލީމެވެ.