އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އަތުން 5-0 އިން ހޯދީ ބޮޑު މޮޅާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ލީގުގެ ޝީލްޑް އުފުލާލައިފިއެވެ.

މިއީ މާޒިޔާ އިން ލީގު ޗެމްޕިއަންކަން ހޯދީ ހަތަރުވަނަ ފަހަރެވެ. އަދި ވިދިވިދިގެން ލީގު ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ލީގު ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު އެވެ. އަދި އޭގެފަހުން، 2019-2020، 2020-2021 އަދި 2021-2022 ގައެވެ.

ރޭގެ ނަތީޖާއާއެކު މާޒިޔާ އަށް އެއްވަނަ ލިބުނީ 21 މެޗުން ހޯދީ 60 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އީގަލްސް އަށް 21 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ކްލަބް ވެލެންސިއާ ނިންމާލީ 21 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތިންވަނައިގައި އޮވެގެންނެވެ. ކްލަބް ގްރީން ސްޓްރީޓްސް އަށް 30 ޕޮއިންޓާއެކު ހަތަރުވަނަ ލިބުނުއިރު، ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބުނީ 28 ޕޮއިންޓެވެ. ހަވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ލިބުނީ 26 ޕޮއިންޓެވެ. ލީގުގެ ހަތްވަނަ އަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 15 ޕޮއިންޓް ލިބުނުއިރު، އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 5 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 15 ވަނަ މިނެޓުގައި މާޒިޔާ އިން ލީޑްނެގީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލުންނެވެ. އޭގެ 8 މިނެޓުފަހުން، މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވައްދާލި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.

މާޒިޔާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މާޒިޔާގެ ފަހު ލަނޑު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަސަދުﷲ އެވެ.

މެޗަށް ފަހު، މާޒިޔާ އަށް ލީގުގެ ޝީލްޑް ހަވާލުކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ. ލީގުގެ ފަހު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ރޭގެ މެޗުގައި މާޒިޔާގެ ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް މާޒިޔާގެ ނޭޕާލް ކީޕަރު ކިރަން ކުމާރު ލިމްބޫ ހޮވުނުއިރު، ލީގުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޔޫވީ އެވެ.