ބޭންކް އޮފް މޯލްޑިވްސް ގެ ދިވެހި ރުފިޔާ އެކައުންޓްތަކުން ޑެބިޓްކާޑު ބޭނުންކޮށްގެން ބޭރުގައުމުތަކުން ފައިސާ ނެގޭ އަދަދު ލިމިޓް ކުރުމުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް، ރާއްޖެއިން ސްރީލަންކާއަށް ކަނޑަ އަޅުއްވާފައި ހުންނަވާ ހައިކަމިޝަނަރ އޮމަރު ޢަބްދުއްރައްޒާޤް އާ ހިއްސާކޮށްފިއެވެ. މިއަދު ހެނދުނު ސޯސަންވިލާގައި އޮތް ބައްދަލު ވުމުގެ ބައިވެރިންވަނީ މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވަރަށް ތަފްޞީލްކޮށް މި ބައްދަލުވުމުގައި ހާމަކޮށްފައެވެ.

އެގޮތުން ބައްދަލުވުމަށް ހާޟިރުވި އަންހެނަކު "ތީރަށް" މައުލޫމާތު ދެމުން ބުނީ، " އަޅުގަނޑަކީ ޚާއްސަ އެޙީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން އެކަނި ދިރިއުޅޭ މީހެއް. ދަރިފުޅުގެ ތެރަޕީ، ކޮލެޖް ފީ އަދި ކުއްޔާއި ބިލްތަކަށް ބޮޑު އަދަދެއް ޚަރަދު ކުރަންޖެހޭ، 750 ޑޮލަރުން އެކަންކަން ހަމައެއް ނުޖެހޭ. މި ހާލަތުގައި ބޭންކުން މިހެން ހެދުމުން ހަމަ ވަރަށް އުނދަގޫވާނެ" ކަމަށެވެ. ބޭންކް އިން ވަނީ ސްކޫލް ފީ އަދި މެޑިކަލް ކަންކަމަށް ފައިސާ ދެއްކުމަށްފަހު ބިލް ހުށައެޅުމުން، އެ އަދަދަށް ޕީ. އޯ. އެސް. މެޝިންތަކުން ކާޑް ބޭނުން ކުރެވޭނެ ގޮތް ހަދާދޭނެ ކަމަށް ހާމަކޮށްފައެވެ. އެހެން ނަމަވެސް ގޭގެ ކުއްޔާއި ބިލް ތަކާ އެހެން ކަންކަމަށް ވެސް ގިނަ އަދަދަކަށް ސްރީލަންކަން ރުޕީސް ބޭނުންވާ ކަމަށް ބައްދަލު ވުމުގެ ބައިވެރިން ފާހަގަ ކުރިއެވެ.

މި މައްސަލައިގައި ހައިކަމިޝަންގެ ފަރާތުން ސީދާ ގޮތުން ދެވޭނެ އެހީތެރިކަމެއް ނެތްކަމަށް ހައިކަމިޝަނަރ ވިދާޅުވިއެވެ. ނަމަވެސް މިކަމަށް ލުޔެއް ހޯދައިދިނުމަށް ކުރެވެން ހުރި ކަންކަމުގައި ހައިކަމިޝަންގެ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ހައިކަމިޝަނަ ދެއްވިއެވެ. އެގޮތުން ވިސާ ޖެހުމަށް ހުށަހަޅަން ޖެހޭ 1000 ޑޮލަރު މާރުކުރި ސްލިޕްގެ ބަދަލުގައި އޭ.ޓީ.އެމް އިން ފައިސާ ނެގެމުން ލިބޭ ސްލިޕް، ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އިން ގަބޫލު ކުރާނެ ތޯ އިމިގްރޭޝަނާ މަޝްވަރާ ކުރާއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފައިސާ ނެގުމުގައި މި ދިމާވި ދަތިތަކަށް ޙައްލެއް ލިބެންދެން މާލޭގައި ހުންނަ ކޮމާޝަލް ބޭންކްގެ ބްރާންޗްގައި އެކައުންޓް ހުޅުވުމަށް ހައިކަމިޝަނަރ ލަފާ ދެއްވިއެވެ. މާލޭގައި ހުންނަ ކޮމާޝަލް ބޭންކްގައި އެކައުންޓް ހުޅުވުމުން، އެ ބޭންކް ގެ ޑެބިޓް ކާޑް ބޭނުންކޮށްގެން ސްރީލަންކާގެ ކޮމާޝަލް ބޭންކްގެ އޭ. ޓީ. އެމް ތަކުން ކޮންމެ ދުވަހަކަށް 40،000 (ސާޅިސް ހާސް) ރުޕީސް ނެގޭނެ ކަމަށް، ކޮމާޝަލް ބޭންކާ ހަވާލާ ދެއްވާ ހައިކަމިޝަނަރ ވިދާޅުވިއެވެ. އަދި މި އެކައުންޓް ހުޅުވުމަށް ބޭނުންވާ އެހީތެރިކަން ހައިކަމިޝަންގެ ފަރާތުން ދޭން ތައްޔާރަށް ތިބި ކަމަށް ވެސް ހައިކަމިޝަނަރ ހާމަ ކުރެއްވިއެވެ.

އިތުރަށް ހައިކަމިޝަނަރ ހާމަ ކުރެއްވިގޮތުގައި، ބީ. އެމް. އެލްގެ މި ނިންމުމާއި ގުޅިގެން ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ހުރިހާ ފަރާތްތަކަށް ދިމާވާނެ ދަތިތައް އިޙްސާސް ކުރެއްވޭ ކަމަށާ، ހައިކަމިޝަނަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ދެމިހުންނަވާނެއެވެ.