މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު 1-0 އިން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން އެ ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ބުރު މޮޅުވި ހަވަނަ މެޗެވެ. މިހާތަނަށްއައިއިރު ސައްތައިިން ސައްތައިގެ ރެކޯޑެއް އޮތީ ބުރުގެ އިތުރުން ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން އެކަންޏެވެ.

މިއަދުގެ މެޗުން ހޯދީ މޮޅާއެކު ބުރު ވަނީ 18 ޕޮއިންޓާއެކު ގްރޫޕް އެކެއްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތް ކުޑަ ހެންވޭރު ޔުނައިޓެޑަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގައި ހިމެނޭ؛ ޓެންޓް ސްޕޯޓްސް ކްލަބާއި، ސިފައިންގެ އިތުރުން ޖޭޖޭ ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ އަދި ބިސް ބުރު ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެންމެ ފުލުގައި އުޅޭ ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރުގެ ހަމައެކަނި ލަނޑު، 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު ބްރޫނޯ އަރަބަލް ޕަސަމާނީ އެވެ. މިއީ ބްރޫނޯ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ދެވަނަ ގޯލެވެ. އެ ޓީމު އެންމެ ފަހުން ޓެންޓާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ލަނޑުޖަހައިދިނީ ވެސް ބްރޫނޯ އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބުރު ކުޅޭ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނިކުންނާނީ ޕީކޭއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައެވެ.