ކޮންމެ ކިރުމަޔަކީވެސް ހަގީގަތުގައި ވަރަށް، ވަރަށް ބޮޑު މަސްއޫލިއްޔަތެއް ބޮލު އަޅައިގެން އުޅޭ ބައެކެވެ. ވަރަށް ބުރަ ވާޖިބެއް އަދާކުރަމުންދާ ބައެކެވެ. އެހެންކަމުގެ އެކަމުގެ މައްޗަށް އެމީހުންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދޭނެއެވެ. އެގޮތުން ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުހުންނަކަމަށް ހީވުމަކީ ބައެއް މައިންނަަށް ދިމައިވާ ކަމެކެވެ.

ދަރިފުޅަށް އެކަށީގެންވާ މިންވަރަށް ކިރު ބޮވޭނެކަން މައިމީހާއަށް ބެލޭނޭ ގޮތްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ކުއްޖާގެ ބަރުދަން ހިމެނެއެވެ. އާންމުގޮތެއްގައި ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ލިބޭނަމަ، ކޮންމެ މަހަކު އެ ދަރިފުޅުގެ ބަރުދަން ގާތްގަނޑަކަށް 500ގ އިރުތުވާނެއެވެ. ދެން މައި މީހާއަށް އެކަމުގައި ބެލިދާނެ އަނެއް ކަމަކީ ދަރިފުޅު ކުޑަކަމުދާ މިންވަރެވެ. އާންމުގޮތެއްގައި އެ ދަރިފުޅަކަށް މައިމީހާގެ ގާތުން އެކަށީގެންވާ މިންވަރަކަށް ކިރު ލިބޭނަމަ، ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި ގާތްގަނޑަކަށް 6 ފަހަރަށް އެ ދަރިފުޅު ކުޑަކަމުދާނެއެވެ. މިއީ ކުއްޖާއަށް އެކަށީގެންވާ މިންވަރަށް އެ ކުއްޖާއަށް ކިރު ލިބޭތޯ ބެލިދާނޭ ދެގޮތެވެ. ނަމަވެސް ކޮންމެ މަޔަކުވެސް ހަނދާނުގައި ބަހައްޓަންވީ ވަރަށް މުހިންމު ކަމެއް ވެއެވެ. އެއީ އެކި ކުދިން ހެދި ބޮޑުވާނީ އެކި މިންވަރަށެވެ. ފަހަރުގައި މިދެންނެވި މިންގަނޑަށް ބަރުދަން އިތުރު ނުވެ ހުރެވެސް ދާނެއެވެ. ކުޑަކަމުދާ މިންވަރު މަދުވެ ގިނަވެފައިވެސް ހުރެދާނެއެވެ. އިސްވެ މި ދަންނަވާލީ ޖުމުލަކޮށް އާންމު ހާލަތުގެ ވާހަކައެވެ. އަދި އެކަންކަމަކީ ކުޑަ ކުއްޖާއަށް އެކަށީގެންވާ މިންވަރަކަށް ކިރު ލިބޭތޯ ބެލުމަށްޓަކައި ކުރެވިދާނޭ ކަންކަން ކަމަށް ސިއްހީ މާހިރުންވެސް އިރުޝާދު ދެއްވާ ކަންކަމެވެ.

ކުޑަ ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުހުންނަ ކަމުގެ އިހުސާސް ކުރެވޭނަމަ ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން މައިމީހާ އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ކުއްޖާއަށް ގާތުން ޖެއްސޭ މިންވަރަށެވެ. ކިރު އުފެދޭ މިންވަރާއި މެދު ނުވިސްނާށެވެ. އެހެނީ މައިމީހާގެ އުރަމަށްޗަށް ކިރު އަރަނީ މައިމީހާ އާއި ދަރިފުޅާއި ދެމެދުގައި ނަފްސާނީ ގުޅުމަކުންނެވެ. ލޯބީގެ ގުޅުމަކުންނެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަވާ ވަރަށް އަލިގަދަ ހެއްކެކެވެ. އެ ދަރިފުޅު މަންމަ އާއި ގައިގޯޅިކޮށް ގެންގުޅި، ގިނައިން ގާތުން ޖައްސާނަމަ މައިމީހާގެ ކިރު އިތުރުވެދާނެއެވެ. ކިރު ނުހުންނަ ކަމުގެ ކުޑަނަމަވެސަ އިހުސާސެއް ކުރެވޭނަމަ ގިނަގިނައިން ދަރިފުޅަށް ޖައްސާށެވެ. އަދި ގިނައިރުވަންދެން އެ ދަރިފުޅަށް ކިރުބުއިމުގެ ފުރުސަތު ދޭށެވެ. އެކިފަހަރު އެކި ފަރާތުން ޖައްސާށެވެ. 

ގާތުން ކިރުދޭ ކުދިންނަށް ބުއްފުޅި އާއި ތުން ފަދަ ތަކެތި ނުދޭށެވެ. އެހެނީ އެތަކެތިން ބޯ ގޮތާއި ގާތުން ބޯ ގޮތް ވަރަށް ތަފާތުވާނެއެވެ. އަދި އެ ތަކެތި ދޭނަމަ، ގާތުން ބޯލެއް މަދުވާނެއެވެ. އެހެންވެއްޖެ ނަމަ މައިމީހާގެ ކިރު މަދުވެދާނެއެވެ. ގިނައިން ދަރިފުޅަށް ދޭނަމަ ގިނައިން ކިރު އުފެދޭނެއެވެ. ބައެއްފަހަރު ދަރިފުޅު މާގިނައިން ރޯތީ، ބައެއް މައިން ކިރު ނޫން އެހެން އެއްޗެއް އެކުދިންނަށް ދެއެވެ. ހަގީގަތަކީ ކުއްޖާ ގިނައިން ރިއުމުގެ މާނައަކީ އެއްވެސް ހާލެއްގައި ކުއްޖާ ބަނޑުގައި ވުމެއް ނޫނެވެ. އާދޭހެވެ! ބަނޑުހައިވެގެންވެސް ރޮއެފާނެއެވެ. ނަމަވެސް ރޯ ކޮންމެ ފަހަރަކު، ބުއްދިނުމުވެ ބަދަލުގައި އެހެން އެއްޗެއް ނުދޭށެވެ. ފަހަރުގައި ކޮންމެވެސް އެހެން އުނދަގުލެއްގެ ސަބަބުންވެސް ކުއްޖާ ރޮއެފާނެއެވެ. އެފަދައިން ގިނައިން ރޯނަމަ، މައިމީހާގެ ކިރު ނޫން އެހެން ކާނާއެއް ދިނުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ.

ކުޑަ ދަރިފުޅަށް އެކަށީގެން މިންވަރަށް ކިރު ނުހުންނަކަމަށް ހީވާނަމަ އެކަމާ ހާސް ނުވާށެވެ. އެކަމާއި އެމަގުން ވިސްނާ ފިކުރު ކުރާނަމަ ކިރު އުފެދުމަށް އުނދަގޫވެދާނެއެވެ. ނަމަވެސް އެހެން ހީވާނަމަ އިސްވެ ދެންނެވި ކަންކަމަށް ސަމާލުކަންދީ، ގިނައިން ޖެއްސޭތޯ ބަލާށެވެ. ދަރިފުޅުގެ އެއްވެސް ކަމަކާއިމެދު ކަންބޮޑުވާނަ، ސިއްހީ އެހީތެެރިއެއްގެ ލަފާ ހޯދާށެވެ.