އަންނަ ނޮވެންބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލް މެޗު ބަލާލަން ދިއުމުގެ ފުރުޞަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.
އުރީދޫން މި ޕްރޮމޯޝަން ފެއްޓީ މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުގެ ކުރީންނެވެ. މި މެޗުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފަސް ކުޅުންތެރިއަކު ވަނީ ފިޔަވަތީގައި ދިރިއުޅޭ 50 އެއްހާ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެ ކުދިންނާއެކު ބޯޅަ ކުޅެފައެވެ.
މި މެޗު ފައްޓަވައި ދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެ މަނިކުފާނާއެކު އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ހާލިދު ހަސަން އަލް-ހަމަދީ އަދި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވެސް ބައިވެރިވިއެވެ.
މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.
އެގޮތުން، މި މުއްދަތުގެ ތެރޭގައި އުރީދޫގެ ރީޗާޖް، ބިލް ޕޭ، އެޑް-އޮން އެކްޓިވޭޝަން ނުވަތަ އަލަށް ހިދުމަތަށް އެދޭ ފަރާތްތަކަށް "ވޯލްޑް ކަޕް ފޯރި" ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ހަތަރު ކަސްޓަމަރަކަށް ވޯލްޑް ކަޕްގެ ސެމީ މެޗު ބަލަން ދިއުމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އުރީދޫ އިންނެވެ. މީގެއިތުރުން، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ އޮފިޝަލް މާޗެންޑައިޒް ވެސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
ގަތަރުގައި މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އަކީ އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ ވެސް އުރީދޫ އިންނެވެ. އަދި ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.
މިއީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު "އުރީދޫ ވޯލްޑް ކަޕް ފޯރި" ނަމުގައި ފެށި ކެމްޕެއިންގެ ތެރެއިން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނެކެވެ. އުރީދޫން ބުނީ ވޯލްޑް ކަޕާ ދިމާކޮށް ކުރިއަށް އޮތް ތަނުގައި އަދިވެސް ހާއްސަ އިވެންޓްތަކާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
