އަލަށް މާބަނޑުވެ، ވިހާ އަންހެނުންނަށް، އެމީހުންގެ ދަރިންނަށް ކިރުދިނުމުގައި އެކި އެކި އުނދަގޫތަކާއި ގޮންޖެހުންތައް ހުރެއެވެ. އަދި އަލަަށް ނޫނަސް ބައެއް ކިރުމައިންނަަށް އެފަދަ އުނދަގޫތައް ކުރިމަތިވެއެވެ. އެގޮތުން ދަރިފުޅު ރަނގަޅަށް ބާއްވަން އުނދަގޫވުމާއި ދަރިފުޅަށް ރަނގަޅަށް ނުބެވޭ ކަމުގެ ޝަކުވާ އަަދެއެވެ. މި ލިޔުމުގައި މި ބަލާލަނީ ކިރުދިނުމަށްޓަކައި ދަރިފުޅު ބޭއްވިފައިވަނީ ރަނގަޅަށްތޯ ދެނެގަނެވޭނޭ ބައެއް ކަންތައްތަކަށެވެ.
އެންމެ ފުރަތަމައީ ގާތުން ކިރުދިނުމަށްޓަަކައި ދަރިފުޅު ބާއްވާނޭ ރަނގަޅު ގޮތް ހުރިހާ ކިރުމައިންނަށްވެސް އެނގިފައި އޮތުމެވެ. އެގޮތުން ސަމާލުކަންދޭންޖެހޭ ކަންތައްތަކަކީ މައިމީހާ އާއި ވީހާވެސް ގާތުގައި ދަރިފުޅު ބޭއްވުމެވެ. ދަރިފުޅުގެ ބޮލާއި ކަނދުރާއާއި މުޅި ހަށިގަނޑު ސީދާ ވާނޭހެން ބޭއްވުމެވެ. މައިމީހާގެ އުރަމަތީގެ ވައްގަނޑުކޮޅު، ދަރިފުޅުގެ ނޭފަތާ ދިމާލަށް ވާނޭހެން ބޭއްވުމެވެ. ދަރިފުޅު ގާތުން ބޮމުންދާއިރު، ދަރިފުޅުގެ ދަތްދޮޅި މައިމީހާގެ އުރަމަތީގައި ޖެހޭނޭހެން ބޭއްވުމެވެ. ޖުމުލަކޮށް މިއީ ގާތުން ދިނުމަށް ބާއްވާނޭ ރަނގަޅު ގޮތް ކަމުގައި ސިއްހީ މާހިރުން ދެކިލައްވާ ގޮތެވެ.
ދެން އޮތީ މިފަދައިން ރަނގަޅަށް ދަރިފުޅު ބޭއްވިފައިވާކަން މައިމީހާ ދެނެގަންނާނޭ ބައެއް ގޮތްތަކެވެ. އޭގެ ތެރޭގައި ދަރިފުޅުގެ ދަތްދޮޅި އުރަމަތީގައި ޖެހިފައި ހުންނަން ވާނެއެވެ. ދަރިފުޅުގެ އަނގަ، ބޮޑުކޮށް ހުޅުވިފައި އޮންނަން ވާނެއެވެ. މިފަދައިން ބޮޑުކޮށް އަނގަ ހުޅުވިފައި އޮންނަ އިރު، ދަރިފުޅުގެ އަނގައިގެ ތިރީ ތުންފަތް އޮންނަންވާނީ ބޭރަށް ވާގޮތަށް ކުޑަކޮށް ފުރުޅިފައެވެ. އުރަމަތީގެ ވައްގަނޑު ކައިރިން ކަޅުކޮށް ހުންނަ ބައި (އެރިއޯލާ) ތިރިން (ދަރިފުޅުގެ އަނގައިގެ ތިރިން) ފެންނަން ހުންނަ ވަރަށްވުރެ ބޮޑުކޮށް މަތިން (ދަރިފުޅުގެ އަނގައިގެ މަތިން) ފެންނަން ހުންނަން ވާނެއެވެ. ޖުމުލަކޮށް މިއީ ކުއްޖާ ބޭއްވިފައިވަނީ ރަނގަޅަށްތޯ ދެނެގަތުމަށް ބެލިދާނޭ ކަންކަން ކަމަށް ސިއްހީ މާހިރުން އިރުޝާދުދޭ ކަންކަމެވެ. ރަނގަޅަށް ޖެއްސިފައިވާނަމަ، ދަރިފުޅު ބުއްބޯން ދަމާއިރު، މައިމީހާއަށް އެއްވެސް ތަދެއް އިހުސާސެއް ނުކުރެވޭނެއެވެ. (އާންމު ހާލަތުގައި).
ދަރިފުޅު ރަނގަޅަށް ބޯ ކަންވެސް ދެނެގަންނާނޭ ބައެއް ގޮތްތައް ހުރެއެވެ. އޭގެތެރޭގައި ދަރިފުޅު ހިންދިރުވާ ތަން ރީތިކޮށް ފެންނަން ހުންނާނެއެވެ. ކުއްޖާއަަށް ރަނގަޅަށް ބޮވޭނަމަ، ކުއްޖާ ދަމާނީ ދިގުކޮށް ބާރަށެވެ. މިކަންކަމުން ދަރިފުޅު ރަނގަޅަށް ބޮއޭތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނެެއެވެ.
އިސްވެ ބުނެވުނު ގޮތްތަކަށް ސަމާލުކަންދީ، މައިމީހާއަށް ފަސޭހަ ގޮތަކަށް ދަރިފުޅު ބޭއްވިދާނެއެވެ. ގާތުން ދިނުމުގައި ކުއްޖާ ބާއްވާ ގޮތަކީވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ކޮންމެ ކޮންމެ ގޮތަކަށް ދަރިފުޅު ބާއްވައިގެން ބުއްދިނުމަކީ އެކަމުގެ ސަބަބުން ދަރިފުޅަށާއި މައިމީހާއަށްވެސް ގެއްލުންތަކެއް ލިބިދާނޭ ކަމެކެވެ. އެހެންކަމުން އެކަމުގައި ކިރުމައިން ސަމާލުވާށެވެ. އަދި ސުވާލު އުފެދޭ ކަމެއް ނަމަ ސިއްހީ ހިދުމަތްތެރިއެއްގެ އެހީތެރިކަން ހޯދާށެވެ.
