ޒައިތޫންޏަކީ އެ މޭވާއެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވާ މޭވާއެކެވެ. މިއީ ކުންނާރުގެ އާއިލާއަކަށް ނިސްބަތްވާ ވޭމާއެކެވެ. ޒައިތޫނި ގަހުގައި އަންނަ ކުދި ކުދި މި މޭވާ ތަކަކީ އޭގެ އެތެރޭގައި އޮށެއް އިންނަ މޭވާއެކެވެ. ބައެއް މީހުނަށް މިއީ ކާލަން މީރު މޭވާއެއް ނަމަވެސް އަނެއްބަޔަކަށް މިއީ އެހާ ކަމުދާ މޭވާއަކަށް ނުވެއެވެ. ކަންމިހެން ހުރިނަމަވެސް ޒައިތޫންޏަކީ އެއިން ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަދައިން ޒައިތޫނިން ލިބޭ ސިއްހީ ބައެއް ފައިދާތަކަށެވެ.

ޒައިތޫންޏަކީ އޭގައި ގިނަ އަދަދެއްގެ ވިޓަމިން އެކުލެވޭ މޭވާއެކެވެ. އެގޮތުން ވިޓަމިން އީ އަކީ ގިނަ މާއްދާއެކެވެ. ވިޓަމިން އީގެ ސަބަބުން ހަށިގަނޑުގައި ހުންނަ އެންޓިއޮކްސިޑަންޓްސް ތަކުގެ މަސައްކަތް އިތުރުވެ، ހަށިގަނޑުން އިންފެކްޝަންތަކާއި ވިހަ މާއްދާތައް ބޭރުކޮށްދޭން އެހީތެރިވެދެއެވެ. ޒައިތޫނީގެ ކަޅު ޒައިތޫންޏަކީ އޭގައި ގިނަ އަދަދަކަށް ދަގަނޑުގެ މާއްދާ އެކުލެވޭ މޭވާއެކެވެ. ދަގަނޑުގެ މާއްދާއަކީ ރަތުލޭ ހަތާތަކުގައި ހުންނަ އޮކްސިޖަންއުފުލާ ބައި ކަމުގައިވާ ހިމޮގްލޮބިންގެ ދުޅަހެޔޮކަން އިތުރުކޮށްދޭން އެހީތެރިވެދޭ މާއްދާއެކެވެ. ޒައިތޫނީގައި ހުންނަ އަނެއް ކޮޕާ އެވެ. ހަށިގަނޑުގައި މި މާއްދާ މަދުވާނަމަ، ބައެއް ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެދެެއެވެ. އަހަރެމެން ހީނުކުރާ ގޮތަށް، ޒައިތޫނީގައި ކެލްސިއަމްވެސް އެކުލެވިގެން ވެއެވެ. މިއީ ކައްޓާއި މަސްތަކާއި އަދި ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ވަރުގަދަކޮށްދޭ މާއްދާއެކެވެ. ހަމަ އެއާއި އެކު ސޯޑިއަމް ގެ މާއްދާއަކީވެސް ޒައިތޫނިން ލިއްބައިދޭ މާއްދާއެކެވެ. 

ޒައިތޫނީގައި ނޮން ސެޗުރޭޓެޑް ފެޓީ އެސިޑުގެ މާއްދާއެއް ކަމަށްވާ އޮލެއިކް އެސިޑް އެކުލެވިގެން ވެއެވެ. އޮލެއިކް އެސިޑަކީ ހަށިގަނޑުގައި ހުންނަ އެކި އެކި އިންފެކްޝަންތައް ކުޑަކޮށްދީ ދައްކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. އަދި ހަމަ އެފަދައިން ބައެއް ދިރާސާވެރިން ދެކިލައްވާ ގޮތުގައި ކެންސަރުފަދަ ބަލިތައް ޖެހި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދިނުމަށްވެސް މި މާއްދާ އެހީތެރިވެދެއެވެ. 

އެހެން މޭވާތަކާއި ހިލާފަށް ޒައިތޫނީގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑަންޓްސް ހިމެނެއެވެ. އެގޮތުން ދިރާސާވެރިން ފާހަގަކުރާ މައިގަނޑު ފަސް ވައްތަރެއްގެ އެންޓިއޮކްސިޑަންޓްސް ޒައިތޫނީގައި ވެއެވެ. އެއީ އޮލިއުރޯޕައިން އާއި ހައިޑްރޮކްސިޓައިރޯސޮލް އާއި ޓައިރޯސޮލް އާއި އޮލީނޯލިކް އެސިޑް އަދި ކުއާރސެޓައިން އެވެ. މިއިން ކޮންމެ ވައްތަރަކީވެސް އެކިކަހަލަ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކެވެ. އަދި މިއީ ހަށިގަނޑިގައި ހުންނަ ގެއްލުން ދެނިވި މާއްދާތަކާއި ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.

މީގެ އިތުރުންވެސް ޒައިތޫންޏަކީ އެއިން އެތައް ސިއްހީ ފައިދާތަކެއް ލިއްބައިދޭ މޭވާއެއްކަމަަށް ދިރާސާތަކުން ދައްކައެވެ. ލޭމައްޗަށް ދިއުން މައިތިރި ކުރުމާއި ހަކުރު އެއްހަމަ އެއްގައި ހިފަހައްޓައިދިނުމާއި ހިތާއި ފުއްޕާމޭގެ އެކި އެކި ބަލިތަކުން ދުރުކޮށްދިނުމާއި ހުޅުހުޅާއި ކަށީގެ އެކި އެކި ބަލިތަކުން ދުރުކޮށްދިނުން ހިމެނެއެވެ. ދިރާސާވެރިން ދެކިލައްވާ ގޮތުގައި ޒައިތޫނީގެ އެންމެ ހާއްސަ ކަމަކީ ޒައިތޫންޏަކީ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކުރަން ދެވަނައެއް ނުވާފަދަ މޭވާއެކެވެ.