އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށް އާސެނަލުން މި ފަހަރުގެ ސީޒަނުގައި މޮޅަކާއެކު ލީގު ފަށައިފިއެވެ.
އެ ޓީމުން މިދިޔަ ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި 2-0 އިން ބްރެންޓްފޯޑް އަތުން ބަލިވިއިރު، އޭގެފަހުން ދެން ކުޅެވުނު ދެ މެޗުން ވީ ބައްޔާއެކު ލީގު ފެށީ ވަރަށް ދަށްކޮށްނެވެ. އެއީ ވޭތުވެދިޔަ 68 އަހަރުގެ ތެރޭގައި ލީގުގެ ކުރީކޮޅު އާސެނަލްގެ ފަރާތުން ފެނުނު އެންމެ ދަށް ނަތީޖާއެވެ. އަނެއްކޮޅުން، މިދިޔަ ސީޒަނުގައި ލީގުގައި ޕެލަސްގެ ދަނޑުގައި 3-0 އިން އާސެނަލް ބަލިވެފައިވުމާއެކު މިއީ ރަނގަޅު ބަދަލުހިފުމެކެވެ.
ޕެލަސްގެ ސެލްހާސްޓް ޕާކްގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލުން ވަރުގަދަ ޓެމްޕޯއެއްގެ ކުޅެމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ 20 ވަނަ މިނެޓުގައި ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގާ ބުކާޔޯ ސަކާ ނެގި ކޯނަރަކުން އޮލެގްޒެންޑަ ޒިންޗެންކޯ ބޮލުން ޖައްސާލި ޕާހަކުން ގެބްރިއެލް މާޓިނެއްލީ ބޮލުން ވައްދާލި ގޯލެކެވެ. މި ގޯލާއެކު މާޓިނެއްލީ ވަނީ ލީގު ހުޅުވި މެޗެއްގައި ލަނޑުޖެހީ ބްރެޒިލަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
އޭގެކުރީން، މާޓިނެއްލީ އާއި ގެބްރިއެލް ޖެސޫސް ފޮނުވާލި ހަމަލާތައް ޕެލަސްގެ ކީޕަރު ވިސެންޓޭ ގުއައިޓާ ހުއްޓުވިއެވެ. މި ހާފުގައި ޕެލަސްގެ ފޯވާޑް އޮޑްސަން އެޑޮއާޑް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ޕެނަލްޓީއޭރިޔާ ތެރެއިން ޕެލަސްގެ އެބެރެޗީ އެޒޭ ހުހަށް ހުރެ ފޮނުވާލި ބޯޅަ ރަމްސްޑޭލް މަތަކުރިއިރު، އޭގެފަހުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ހިލޭޖެހުމަކުން ފޮނުވާލި ބޯޅައެއް ގޯލަށް ނުވަނީ ހަމަ ކިރިޔާ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ބެން ވައިޓް ހުސްކޮށްލާފައި ދިން ރީތި ޕާހަކުން ސަކާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. ޕެލަސް އިން އެއްވަރުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުކޮށްލުމުގައި އާސެނަލްގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ އާސެނަލްގެ ޖާޒީގައި ރަސްމީ މެޗެއްގައި ސަލީބާ ފެނުނު ފުރަތަމަ ފަހަރެވެ.
އާސެނަލުން އިތުރު ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ފަސް މިނެޓަށްވެފައި ހުއްޓައެވެ. މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލުން ޖެހި މި ގޯލަކީ ޕެލަސްގެ ކެޕްޓަން އަދި ޑިފެންޑަރު މާކް ގޭހީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ އާސެނަލްގެ ސަކާ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޭހީގެ ބޮލުގައި ޖެހިފައި ވަތް ގޯލެކެވެ.
