މިފަހަރުގެ ސީޒަނަށް ލިވަޕޫލް ދޫކޮށް ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވި ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ، ބުންޑެސްލީގާގައި ކާމިޔާބުކުރި ފުރަތަމަ ގޯލާއެކު ބަޔާނުން ފަސޭހަކަމާއެކު އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށްފިއެވެ. މި މެޗުން ބަޔާން މޮޅުވީ 6-1 އިންނެވެ.
ފްރޭންކްފާޓްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ބަޔާނުން ލީޑްނެގީ ޖަރުމަނުގެ މިޑްފީލްޑަރު ޖޯޝުއާ ކިމިޗް ހިލޭޖެހުމަކުން ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ފަސް މިނެޓުފަހުން، ބަޔާންގެ ދެވަނަ ލަނޑުޖަހައިދިނީ ބެންޖަމިން ޕަވާޑް އެވެ. އަދި އޭގެފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ތޯމަސް މުލާ ދިން ބޯޅައަކުން މާނޭ ވަނީ އެ ޓީމަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ.
މިއީ މިދިޔަ ޖޫން މަހުގައި 41 މިލިއަން ޔޫރޯ (35.1 މިލިއަން ޕައުންޑް) ގެ ޓްރާންސްފާ ފީ އަކަށް ބަޔާނަށް ބަދަލުވި ފަހުން އެ ޓީމަށް މާނޭ ޖަހައިދިން ދެވަނަ ގޯލެކެވެ. މިދިޔަ ހަފްތާގައި ޖަރުމަން ސުޕަ ކަޕްގައި އާރްބީ ލީޕްޒިގު އަތުން 5-3 އިން ބަޔާން މޮޅުވި މެޗުގައި މާނޭ ވަނީ ލަނޑެއްޖަހައިފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ބަޔާންގެ ހަތަރުވަނަ ލަނޑު، ޖަމާލް މުސިއާލާ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސާޖް ނެބްރީ ވައްދާލި ލަނޑާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 5-0 އިން ކުރީގަ އޮވެގެންނެވެ.
ފްރޭންކްފާޓުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑުު، 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަންޑަލް މުއާނީ އެވެ. އެކަމަކު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް މުސިއާލާ ވަނީ އިތުރު ލަނޑެއްޖަހައިދީ ބަޔާނަށް އަލުން ފަސް ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ.
ނިމިދިޔަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ފްރޭންކްފާޓަށް ދެން އޮތީ ސުޕަ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް މި މަހުގެ 11 ވާ ބުރާސްފަތި ދުވަހު މެންދަމު 12 ޖަހާއިރު ކުޅޭ މެޗެވެ.
