މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކްލަބް ޕީކޭ އަތުން 4-0 އިން ހޯދީ މޮޅާއެކު ބުރު ސްޕޯޓްސް ކްލަބުން ސައްތައިން ސައްތައިގެ ރެކޯޑާއެކު ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ބުރު މޮޅުވި ހަތްވަނަ މެޗެވެ. މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވީ ބުރު އެކަންޏެވެ.

މި ނަތީޖާއާއެކު ބުރު އޮތީ 21 ޕޮއިންޓާއެކު ގްރޫޕް އެކެއްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކުޑަ ހެންވޭރު ޔުނައިޓެޑާއި، ތިންވަނައިގައި އޮތް ޓެންޓަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ކުޑަ ހެންވޭރަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. މި ދެ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

މިއަދުގެ މެޗަށް ބުރުން ނިކުތީ އާއްމުކޮށް ކުޅެމުން އަންނަ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ ކެޕްޓަން ފާރޫޤް އިސްމާއިލް އާއި ފޯވާޑްލައިންގައި ހިމެނޭ ސާބިއާގެ ސްޓެފަން ޑުރިޗް މި މެޗު ފެށީ ބެންޗުންނެވެ. އަލީ ނަވާޒް އާއި ކަސިމޯވްގެ އިތުރުން އަހުމަދު މުހައްމަދު ގަބާލާ އަދި އަހުމަދު ނުހާދު މި މެޗަށް ނެގި ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. މީގެއިތުރުން، އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ އަހުމަދު ވިސާމް އަށް ދެ ކާޑު ހަމަވުމުގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބުރުގެ ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ ދެލަނޑުޖަހާފައެވެ. މި މެޗު ފެށިގެން 23 ވަނަ މިނެޓުގައި ބުރުން ލީޑްނެގީ ޖުމްބެ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ކުރީން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކްލަބް އީގަލްސް އިން ފެނުނު  މިޑްފީލްޑަރު އިބްރާހިމް މުބީން (މުއްކި) އެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، ޖުމްބެ ވަނީ އިތުރު ލަނޑެއްޖަހައި ބުރުގެ ލީޑް ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑުޖެހީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ބުރުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ އައިމަން ނަޒީރު އެވެ.

މި ގްރޫޕުގައި މިރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗަށް ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބު ހާޟިރުނުވުމުން ޓެންޓަށް ވަނީ ތިން ޕޮއިންޓާއެކު މެޗު ލިބިފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކުޑަ ހެންވޭރުން ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނައިރު، މާދަމާ ރޭ ގެ މެޗުގައި ދިވެހި ސިފައިންގެ ކްލަބު ނިކުންނާނީ ޖޭޖޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.