އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލް ކުޅުނު މެޗުން ފުލަމް އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނުއިރު، ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ފުލަމްގެ ދަނޑުގައި 2-2 އިން ލިވަޕޫލް އެއްވަރުވިއިރު، ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ. ރަށުން ބޭރުގައި އެވަޓަން އަތުން ޗެލްސީ މޮޅުވީ 1-0 އިންނެވެ.

ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 32 ވަނަ މިނެޓުގައި ސާބިއާގެ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް ކާމިޔާބުކުރި ގޯލުން ލީޑްނަގާފައެވެ. މިއީ އެ ޓީމުގެ ކެނީ ޓެޓޭ ނެގި ހިތްގައިމު ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިޓްރޮވިޗް ކާމިޔާބުކުރި ގޯލެކެވެ.

ލިވަޕޫލުން އެއްވަރުކުރި ލަނޑު، 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލިވަޕޫލްގެ ޖާޒީގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. އެކަމަކު، އޭގެ 8 މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން މިޓްރޮވިޗް ވަނީ ފުލަމް އަށް އަލުން ލީޑްނަގައިދީފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މިޓްރޮވިޗަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ފައުލް ކުރުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޗެލްސީގެ ހަމައެކަނި ލަނޑު، ޕެނަލްޓީ ސްޕޮޓްމަތިން ޖޯޖީނިއޯ އެ ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

މި މެޗުން ލިވަޕޫލް ބަލިނުވެ، ސަލާމަތްވީ 80 ވަނަ މިނެޓުގައި ނޫނޭޒް ދިން ޕާހަކުން އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ވައްދާލި ލަނޑުންނެވެ. އޭގެފަހުން، ލިވަޕޫލް މޮޅުކޮށްދޭން އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ސައުތެމްޓަނަށް ލީޑްނަގައިދިނީ އިނގިރޭސި މިޑްފީލްޑަރު ޖޭމްސް ވޯޑް-ޕްރައުސް އެވެ. އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި ސްވިޑެންގެ ވިންގާ ޑޭޔަން ކުލުސެވްސްކީ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ރަޔާން ސެސެނިޔޯން ވަނީ ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޓޮޓެންހަމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ އެރިކް ޑަޔާ އެވެ. ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން ދިން ބޯޅައަކުން ޑަޔާ މި ލަނޑުޖެހީ ބޮލުންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އެމަސަން ރޮޔާލް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މުހައްމަދު ސަލިސޫ އަތުން ބައިކޮޅަށް ވަތް ގޯލާއެކު އެ ޓީމުން ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. އޭގެ ދެ މިނެޓުފަހުން، ޓޮޓެންހަމްގެ ފަހު ލަނޑުޖަހައިދިނީ ރޮޔާލް ދިން ބޯޅައަކުން ކުލުސެވްސްކީ އެވެ.

ގުޑިސަން ޕާކްގައި މިރޭ ޗެލްސީއާ ދެކޮޅަށް އެވަޓަން ކުޅުނު މެޗަށް އެ ޓީމު ނިކުތްއިރު އަނިޔާގެ ސަބަބުން އިނގިރޭސި ފޯވާޑް ޑޮމިނިކް ކެލްވާޓް-ލެވިން ނުކުޅެއެވެ. އަދި މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ޓޮޓެންހަމަށް ބަދަލުވުމުން އެ ޓީމުން މިރޭގެ މެޗަށް ނިކުތީ ފޯވާޑަކާ ނުލައެވެ. މި މެޗުގައި ޗެލްސީން ޖެހި ގޯލަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ކާމިޔާބުކުރި ގޯލެކެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޗެލްސީގެ އިނގިރޭސި ފުލްބެކް ބެން ޗިލްވެލް އަށް އެވަޓަންގެ މިޑްފީލްޑަރު އަބްދޫލާޔެ ޑުކޫރޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.