އެންޓިބަޔޮޓިކްސް ވެގެން ގޮސްފައިވަނީ އަޖައިބު ކުރުވަނިވި ބޭސްތަކެއްގެ ގޮތުގައެވެ. އަދި ގޮތަކުން އޭގެ ފައިދާ ބޮޑު ބޭހެއްގެ ގޮތުގައެވެ. އެންޓިބަޔޮޓިކްސް އިން ބޭސްވެރިކަމަށް އިންގިލާބެއް ގެނެސް، ފާއިތުވި ގަރުނުގެ ތެރޭގައި ގިނަ އަދަދެއްގެ ފުރާނަ ސަލާމަތްކޮށްދީފައިވެ އެވެ. ހިތާމައަކީ ގިނަ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މިހާރު މާބޮޑަށް އެންޓިބަޔޮޓިކްސް އަށް ބަރޯސާވެފައިވާ ކަމެވެ. އަދި އެންޓިބަޔޮޓިކްސް ބޭނުން ނުވާ ވަގުތުތަކުގައިވެސް އެންޓިބަޔޮޓިކްސް ލިޔެދޭތީ އެވެ. ބަލިމީހުން ވެސް ބަލިވާ ކޮންމެ ފަހަރަކު އެންޓިބަޔޮޓިކްސް ދިނުމަށް އުންމީދު ކޮށް، އަދި އެކަމަށް އެދެންވެސް ފަށައިފި އެވެ. ނަމަވެސް ބައެއް މީހުންނަކީ އެންޓިބަޔޮޓިކްސް އެއްގޮތަކަށްވެސް ބޭނުންކުރަން ބޭނުންވާ ބައެއް ނޫނެވެ.
އެމެރިކާގައި ދެވޭ އެންޓިބަޔޮޓިކްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އަކީ ފަރުވާ ހޯދަމުންދާ ހާލަތްތަކަށް އެކަށީގެންވާ ބޭސްތަކެއް ނޫން ކަމަށް ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަން (ޖާމާ) ގައި، 2016ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޝާއިއުކޮށްފައެވެ.
މިއީ މައްސަލަ އަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އެހެނީ އެކަމުގެ ސަބަބުން އެންޓިބަޔޮޓިކް އިން އަސަރު ނުކުރާ ބެކްޓީރިއާ ގިނަވެ، ފަރުވާ ކުރަން ދަތިވަމުންދާތީ އެވެ. އެންމެ ފަހުގެ އެންޓިބަޔޮޓިކް ފަރުވާއިން އަސަރު ނުކުރި ފުރަތަމަ ބެކްޓީރިއާ އެމެރިކާގައި ދެނެގަނެވުނީ 2016 ވަނަ އަހަރުގެ މެއި މަހު އެވެ.
އެންޓިބަޔޮޓިކްސް ރެސިސްޓެންޓް ބެކްޓީރިއާ އަކީ މިއަދު ގިނަ އެއްޗެކެވެ. އެންޓިބަޔޮޓިކުން އޭގެ އަސަރު ނުކުރާ ޖަރާސީމުތައް ގިނަވެއްޖެއެވެ. ޖަރާސީމަކީ އޭގެ ޠަބީއަތުގައި އެސޮރުގެ ހަށިގަނޑުގެ ސިފަ އާއި މުޅި އޭގެ ޖިސްމު ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. ނަމަވެސް އެއީ ގިނަ ދުވަހުންނެވެ. ޖަރާސީމު މަރަަން ދެވޭ އެންޓިބަޔަޮޓިކްސް ގަވައިދުން ބޭނުން ނުކުރެވޭނަމަ، އެ އެންޓިބަޔޮޓިކްސްގެ މައްޗަށް ޖަރާސީމު ގަދަވެގަނެއެވެ. ދެން ފަހުން އެ އެންޓިބަޔޮޓިކް ބޭނުން ކުރުމަކުން އެއަަށް ކުރާނޭ އަސަރެއް ނުހުރެއެވެ. އަދި އަނެއްބައި ފަހަރަށް، ބޭނުން ނުވާ ހާލަތްތަކުގައި ދެވޭ އެންޓިބަޔޮޓިކްސްގެ ސަބަބުން، އޭގެ މައްޗަށް އަތްގަދަ ކުރާނޭ އެހެން ޖަރާސީމެއް މުޅިން އަލަަށް އުފެދިގެން ހިނގައިދާނެއެވެ. ނުވަތަ ކޮންމެވެސް ކުޑަ ކުޑަ ޖަރާސީމެއް އޭގެ މައްޗަށް އަތްގަދަ ކުރެވޭނޭ ގާބިލުކަން ހޯދަ ފާނެއެވެ. އެހެން ވެއްޖެ ނަމަ، ދެން އެ ޖަރާސީމެއް ވެގެން މި ދަނީ އެ އެންޓިބަޔޮޓިކަށް ރެސިސްޓެންޓް (އަސަރު ނުކުރާ) ޖަރާސީމަކަށެވެ.
ކަން މިހެންހުރުމާއި އެކު ސިއްހީ ފަރުވާދޭ ފަރާތްތަކުންވެސް އެންޓިބަޔޮޓިކްސް ދިނުމުގައި ފަރުވާތެރިވާން ވާނެއެވެ. ކިރިޔާވެސް ނުދީ ވާން އޮތްނަމަ ނުދީ ވޭތޯ ބަލަންވާނެއެވެ. ނަމަވެސް މިކަމުގައި ބަލި މީހާ ގޮތް ނުނިންމާށެވެ. ތިމަންނާ އެންޓިބަޔޮޓިކްސް ބޭނުމޭ ވެސް، ނުވަތަ އެންޓިބަޔަޮޓިކްސް ބޭނުމެއް ނޫނޭވެސް ނުބުނާށެވެ. ނަމަވެސް ޑަކްޓަރާއި ސުވާލު ކުރެވިދާނެއެވެ. ނުދޭނަމަ ނުދިނީ ކީއްވެތޯ ސުވާލުކުރާށެވެ. ދިންނަމަ ދިނީ ކީއްވެތޯ ސުވާލުކުރާށެވެ. ސުވާލުކުރުމަކީ ބަލިމީހާ ކުރަންޖެހޭނޭ ކަމަކެވެ. ނަމަވެސް ސުވާލުކުރަންވާނީ އެއްޗެއް އޮޅުންފިލުވުމުގެ ނަޒަރަކުންނެވެ. ޑަކްޓަރު އެންޓިބަޔޮޓިކްސް ދީފިނަމަ، ގަވައިދުން ކާންވާނެއެވެ. އެއަށް ފަރުވާކުޑަކޮށްގެން ފަރުޖެއްސޭކަށް ނެތެވެ. އޭރުން ފަހުން ލިބިދާނޭ ގެއްލުން މާ ބޮޑުވެދާނެއެވެ.
އިސްވެ ބުނިފަދައިން އެންޓިބަޔޮޓިކްސް ބޭނުން ނުވާނަމަ އެވާހަކަ ޑަކްޓަރު ގާތު ބުނަންވާނެއެވެ. ފަހަރުގައި ބަލި މީހާ އެންމެ ފަހުން އެންޓިބަޔޮޓިކަސް ކެއީ ކޮން އިރަކުކަން ޑަކްޓަރަށް ނޭނގިދާނެއެވެ. އެހެންކަމުން އެންމެ ފަހުން ކޭ ދުވަހެއް ބުނަން ވާނެއެވެ. ރަނގަޅީ ބޭހުގެ ނަންވެސް ބުނެދިނިއްޔާއެވެ. އޭރުން ކިރިޔާވެސް ނުދީ ވާން އޮތްތޯ ޑަކްޓަރު ބަލާނެއެވެ. ޑަކްޓަރުންނަކީވެސް އިންސާނުންނެވެ. އެމީހުނަށްވެސް ހަނދާންކޮށްދިނުމަކީ އޮތްކަމެކެވެ.
އެންޓިބަޔޮޓިކަކީ އޭގެ ފަރުވާ މޮޅު ބޭހެއްކަމުން، ސިއްހީ އެހީތެރިންނާއި އާންމުން މި ބޭސްތައް ބޭނުބް ކުރުމުގައި ފަރުވާތެރިވާން ވާނެއެވެ. އިސްރާފުކޮށްގެން ނުވާނެއެވެ. މިއީ ހަގީގަތުގައި މުޅި އިންސާނިޔައްތަށާއި ބޭސްވެރިކަމަށް އައި ވަރަށްބޮޑު އިންގިލާބެކެވެ. އޭގެ ބޭނުން ހުރިހާއެންމެންވެސް ހެޔޮގޮތުގައި ހިފަންވާނެއެވެ.
