ޔުއެފާ ސުޕަ ކަޕް ފައިނަލްގައި ރޭ ޖަރުމަނުގެ އެއިންޓްރަކް ފްރޭންކްފާޓް 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން އެ މުބާރާތުގެ ތަށި ފަސްވަނަ ފަހަރަށް އުފުލާލައިފިއެވެ.
ރެއާލްގެ އިތުރުން ވާދަވެރި ބާސެލޯނާ އާއި އިޓަލީގެ އޭސީ މިލާނުން ވަނީ ސުޕަ ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.
މިއީ 1960 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލްގައި ރެއާލް އަތުން ފްރޭންކްފާޓް ބަލިވިފަހުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. އެ ފަހަރު ރެއާލް މޮޅުވީ 7-3 އިންނެވެ.
ފިންލެންޑްގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 37 ވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ކަސެމީރޯ ބޮލުން ޖައްސާލި ޕާހަކުން އަލަބާ ކާމިޔާބުކުރި ގޯލެކެވެ.
ރެއާލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގާ ވިނީޝަސް ޖޫނިއާ ނެގި ހުރަހަކުން ލިބުނު ބޯޅައެއް އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި ޖެހި ގޯލާއެކު ބެންޒެމާ ވަނީ ރެއާލްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ އަށް ޖެހިލާފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އުޅެނީ 450 ލަނޑުޖަހައިގެންނެވެ. ބެންޒެމާ ވަނީ ރެއާލްގެ ޖާޒީގައި މިހާތަނަށް 324 ލަނޑުޖަހާފައެވެ.
ރެއާލަށް ދެން އޮތީ ސްޕެނިޝް ލީގުގައި އަންނަ ހޯމަ ދުވަހުގެ ދަންވަރު 1:00 ގައި ރަށުން ބޭރުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.
