'ކީޕިން އަޕް ވިތް ދަ ކަރޑާޝިއަންސް'ގެ ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން ވަނީ މި މަހު ސެރޮގޭސީ މެދުވެރިކޮށް އެމީހުންގެ ދެވަނަ ދަރިފުޅަށް މަރުހަބާ ކިޔާފައެވެ. އެންޓަޓެއިންމަންޓް ޓުނައިޓް އިން ބުނާ ގޮތުގައި އޮން-އެގެއިން، އޮފް-އެގެއިން ގުޅުމެއްގައި އުޅޭ މި ދެ ބައިވެރިން ތިބީ އާއިލާއަށް އަލަށް ގުޅުނު ތުއްތު ބޭބީއާ މެދު ވަރަށް އުފަލުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި ކްލޯއީ ހުރީ "ދެ ކުދިންގެ މަންމައަކަށް" ވުމަށް ވަރަށް ތައްޔާރުވެގެންނެވެ. ކްލޯއީ އަދި ޓްރިސްޓަންއަށް ކުރިންވަނީ އަންހެން ދަރިއަކު ލިބިފައެވެ. ޓްރޫ، ގެ ނަންދީފައިވާ އަންހެން ދަރިފުޅަށް މިހާރު 4 އަހަރެވެ.

މިފަހަރު ފިރިހެން ކުއްޖަކު ލިބުނުއިރު، "ޓްރިސްޓަން ބޭނުންވީވެސް ފިރިހެން ކުއްޖެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލަށް ލިބުނު ކުއްޖާގެ ފޮޓޯއެއް އަދި އާއްމުކޮށްފައި ނުވާއިރު ކުއްޖާގެ ނަމެއްވެސް އަދި ހާމައެއް ނުކުރެއެވެ. ނަމަކާމެދު މިހާރު ކްލޯއީ އަންނަނީ ވިސްނަމުންކަމަށާ ނަމެއް ފައިނަލް ވުމުން އިއުލާންކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ކްލޯއީ އާ ޓްރިސްޓަން އާ ދެމެދު ދޭތެރެ ދޭތެރެއިން މައްސަލަ ޖެހި ދެމީހުން ވަކިވެ އަނެއްކާ ދުވަސްކޮޅެއްފަހުން ރައްޓެހިވެއެވެ. ދެމީހުންގެ ދެމެދު ޒާތީ މައްސަލަތަކެއް ހުއްޓަސް ދަރިންގެ ކަންކަމުގައި އެ މައްސަލަތައް އެއްފަރާތްކޮށް އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށް ކުރިންވެސް ކްލޯއީވެސް ޓްރިސްޓަންވެސް ބުނެފައިވެއެވެ.