'ޖަލަކް ދިކްލާ ޖާ' އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު، އިންޑިއާގެ ޑާންސް ރިއަލިޓީ ޝޯއެކެވެ.

5 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މި ޝޯ އަނެއްކާވެސް ފަށަން ތައްޔާރުވެފައިވާއިރު، ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ޖަލަކް ދިކްލާ ޖާގެ ސީޒަން 10 ގެ ޕްރޮމޯތަކުގައި ޝޯގެ ކޮންޓެސްޓެންޓުންގެ ގޮތުގައި ކޮންފަރމް ވެފައިވާ ފަރާތްތައް އަންނަނީ ހާމަކުރަމުންނެވެ.

އެގޮތުން، މިފަހަރު މި ޝޯގައި ނެށުމުގެ ހުނަރު ދައްކާލަން ތައްޔާރުވެފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި އެކްޓްރެސް ރޫބީނާ ޑިލަކްވެސް ހިމެނެއެވެ. އޭނާ ވަނީ ޖަލަކް ދިކްލާ ޖާ 10 އަށް ސޮއިކޮށް، މުބާރާތުގައި ބައިވެރިވާކަން ކަށަވަރުވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނިފައެވެ. 

ރޫބީނާއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ރޯހިތު ޝެޓީގެ ސްޓަންޓް ބެސްޓް ރިއަލިޓީ ޝޯ ޚަތްރޯން ކޭ ކިލާޅީގެ ސީޒަން 12 އިން ޑޭއަރ-ޑެވިލް ސްޓަންޓްތައް ދައްކާލާފައިވާއިރު، ބިގް ބޮސް 14 އިން ވެސް ރޫބީނާ ފެނިފައިވެއެވެ. އެހެންކަމުން ރިއާލިޓީ-ޓީވީ އަށް ރުބީނާ އަކީ އާ ތަރިއެއް ނޫނެވެ. 


ދާދި ފަހުން ކަލަރސް އިން ވަނީ ނިއާ ޝަރްމާ، ޕަރަސް ކަލްނާވަތު، ޝިލްޕާ ޝިންޑޭ އަދި ދީރާޖް ދޫޕާ ފަދަ ތަރިންވެސް ހިމެނޭ ޖަލަކް ދިކްލާ ޖާ ސީޒަން 10 ގެ ޕްރޮމޯތައް ހިއްސާކޮށްފައެވެ.
ޖަލަކް ދިކްލާ ޖާ ސީޒަން 10 ގައި ކޮރިއޮގްރާފަރ ޕާޓްނަރުންނާއެކު ކޮންޓެސްޓެންޓުންގެ ޑާންސް މޫވްތައް ދައްކާލާނެއެވެ. ޖަލަކް ދިކްލާ ޖާ 10 ގެ ކޮންޓެސްޓަންޓުންގެ ގޮތުގައި މިހަތަނަށް ކޮންފަރމް ވެފައިވާ ތަރިންނަކި؛ ނިއާ، ދިރާޖް، ޝިލްޕާ، ޕަރަސް ކަލްނާވަތު، އަމްރުތާ ޚަންވިލްކާރ، ނީތީ ޓޭލަރ، ގަޝްމީރު މަހާޖާނީ އަދި ރުބީނާ އެވެ. މި ފަހަރުގެ ޝޯވ ގެ ޖަޖުންގެ ގޮތުގައި ފެނިގެންދާނީ ފިލްމްމޭކަރ ކަރަން ޖޯހަރާއި އެކްޓްރެސް މާދުރީ ޑިކްސިޓްގެ އިތުރުން އެކްޓްރެސް ނޯރާ ފަތޭހީ އެވެ.