އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން އާސެނަލާއި މެންޗެސްޓާ ސިޓީ މޮޅުވިއިރު، ބްރެންޓްފޯޑް އަތުން ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި 4-0 އިން ބޯންމައުތު އަތުން ސިޓީ މޮޅުވިއިރު، އާސެނަލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-2 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން ޔުނައިޓެޑް ބަލިވީ 4-0 އިންނެވެ.
މިރޭގެ ނަތީޖާއާއެކު ސިޓީ އާއި އާސެނަލް އުޅެނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ތާވަލްގެ އެންމެ ކުރީގައެވެ. ސިޓީ، އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވި ހަމައެކަނި ޓީމު ކަމަށްވާ ޔުނައިޓެޑް އޮތީ ފުލުގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މިފަހަރުގެ ސީޒަނަށް ސިޓީ ދޫކޮށް އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު، 23 ވަނަ މިނެޓުގައި ޖެސޫސް ކާމިޔާބުކުރީ ގްރޭނިޓް ޒާކާ ދިން ޕާހަކުންނެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން 10 މިނެޓަށްވެފައިވަނިކޮށް ގެބްރިއެލް މާޓިނެއްލީ ނެގި ކޯނަރެއް ލެސްޓާގެ ކުޅުންތެރިއަކު ބޮލުގައި ޖެހިފައި ލިބުނު ބޯޅައަކުން ޖެސޫސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި އާސެނަލްގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ލެސްޓާ އިން ފަރަގު ކުޑަކުރިއެވެ. އެކަމަކު، އޭގެ ދެ މިނެޓުފަހުން ޒާކާ ވަނީ އާސެނަލްގެ ލީޑް ދަމަހައްޓައިދީފައެވެ. މިއީ ލެސްޓާގެ ކީޕަރު ޑެނީ ވޯޑް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޖެސޫސް ދިން ބޯޅައަކުން ޒާކާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ވަނީ ލެސްޓާ އަށް ލަނޑެއްޖަހައިދީ އާސެނަލް ހާސްކޮށްލާފައެވެ. މި ލަނޑުޖެހިތާ މިނެޓެއްގެ ތެރޭގައި މާޓިނެއްލީ ވަނީ ލަނޑެއްޖަހައި، އާސެނަލްގެ ލީޑް ދަމަހައްޓާފައެވެ. ޖެސޫސް ދިން ބޯޅައަކުން މާޓިނެއްލީ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުޖަހާފައެވެ. މެޗު ފެށިގެން 19 ވަނަ މިނެޓުގައި ސިޓީން ލީޑްނެގީ ކެޕްޓަން އިލްކާއީ ގުންޑޮގާން އެވެ. މިއީ އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ދިން ބޯޅައަކުން ގުންޑޮގާން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ވަނީ ސޯލޯ ގޯލެއް ކާމިޔާބުކޮށް ސިޓީ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. އަދި އޭގެ ހަ މިނެޓުފަހުން، ޑި ބްރޭނާ ދިން ޕާހަކުން އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ގޯލާއެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.
ސިޓީން ޖެހި ހަތަރުވަނަ ގޯލަކީ ބޯންމައުތުގެ ޖެފަސަން ލާމާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ސިޓީގެ ޕޯޗުގީޒް ފުލްބެކް ޔާއޯ ކަންސޭލޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލާމާ އަތުން ވަތް ގޯލެކެވެ.
މިފަހަރުގެ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވެ، ހާސްކަމުގެ ތެރޭގައި އޮތް ޔުނައިޓެޑުން މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ނިކުތްއިރު އެ ޓީމުގެ ކޯޗު އެރިން ޓެން ހާގް ވަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.
ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ 35 މިނެޓުގެ ތެރޭގައި ބްރެންޓްފޯޑުން ވަނީ ހަތަރު ލަނޑުޖަހާފައެވެ. ބްރެންޓްފޯޑުން ލީޑްނެގީ މެޗު ފެށިގެން 10 ވަނަ މިނެޓުގައި ޖޯޝް ޑަ ސިލްވާ ކާމިޔާބުކުރި ގޯލުންނެވެ. ޕެނަލްޓީއޭރިޔާ ބޭރުން ޑަ ސިލްވާ ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އެ ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތްދަށުން ގޮހެވެ. އޭގެ 8 މިނެޓުފަހުން، ޑެ ހެއާ އެ ޓީމުގެ ކްރިސްޓިއަން އެރިކްސަން އަށް ދިން ބޯޅައެއް ހޯދައި މަތިއަސް ޖެންސަން ވަނީ ބްރެންޓްފޯޑްގެ ދެވަނަ ލަނޑުޖަހައިދީފައެވެ.
މި މެޗުގައި ބްރެންޓްފޯޑުން ޖެހި ތިންވަނަ ލަނޑު، 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެން މީ އެވެ. މިއީ އެ ޓީމުގެ ފޯވާޑް އިވަން ޓޯނޭ ދިން ބޯޅައަކުން މީ ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. އޭގެ ފަސް މިނެޓުފަހުން، ބްރެންޓްފޯޑްގެ ހަތަރުވަނަ ލަނޑުޖެހީ އަވަސް ކައުންޓައެޓޭކެއްގައި ޓޯނޭ ދިން ބޯޅައަކުން ބްރަޔަން އެމްބުއޭމޯ އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެސްޓަން ވިލާގެ ދަނޑުގައި 2-1 އިން އެވަޓަން އަތުން އެ ޓީމު މޮޅުވިއިރު، އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ސައުތެމްޓަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑުން ރަށުން ބޭރުގައި ބްރައިޓަންއާ ލަނޑެއްނުޖެހި އެއްވަރުވިއިރު، ވުލްވްސްގެ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ.
