މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ އަށް ދާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބުރު މޮޅުވީ 4-3 އިންނެވެ.
މިފަހަރުގެ މުބާރާތުގައި މެޗަކުން ބަލިނުވެ، ފައިނަލުން ޖާގަ ހޯދި ބުރަށް ވަނީ އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުން ވެސް ޖާގަ ލިބިފައެވެ. ކޮލިފިކޭޝަން ބުރުގައި ވާދަކުރާނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުގެ އިތުރުން އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދެ ޓީމު ކަމަށްވާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ކުރީން ލީޑްނެގީ ބުރުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ދިން ބޯޅައަކުން ސާބިއާގެ ފޯވާޑް ސްޓެފަން ޑުރިޗް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ނިއު އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގައި އެ ޓީމުގެ ކެޕްޓަން މުހައްމަދު ރިފާއު (އަސްކާ) ބޮލުން ފޮނުވާލި ބޯޅަ ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) މަތަކުރިއެވެ.
ނިއު އިން އެއްވަރުކުރި ލަނޑު، 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ގާނާ ފޯވާޑް ކޯފީ އޮވޫސޫ އެވެ. މިއީ ވަރަށް ހަނި އޭންގަލަކުން ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ކޯފީ ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި ބުރަށް ލަނޑެއްޖަހައިދޭން އެ ޓީމުގެ މުހައްމަދު ތަސްމީން އަށް ލިބުނު ދެ ފުރުޞަތެއްގައި ހިލޭޖެހުމަކުން ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބުރަށް އަލުން ލީޑްނަގައިދޭން އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު ބްރޫނޯ ޕަސަމާނީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ބްރޫނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންގޮސްފައިވާއިރު، މި ހާފުގައި ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ނިއުގެ ފޯވާޑް ކޯފީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް އިތުރު ގޯލެއް ޖެހޭގޮތް ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީ ނިއުގެ ގާނާ މިޑްފީލްޑަރު ތޯރިގް ޖެބްރިން ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އެ ޓީމުން ދެން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އުޒްބެކިސްތާނުގެ މިޑްފީލްޑަރު ފަރޫކް ހައިދަރޯފްގެ ޕެނަލްޓީ އެކަންޏެވެ. ހައިދަރޯފް ފޮނުވާލި ޕެނަލްޓީ ބުރުގެ ކީޕަރު ޖަޒްލާން އަތުގައި ޖެހިފައި ބޭރުވީ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައެވެ. އެ ޓީމުގެ އާދަމް ޝަހީމް (އާނާ) އާއި ކޯފީ އަދި ސައްދާމް ހުސެއިންގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ.
ބުރުގެ ފުރަތަމަ ޕެނަލްޓީ ބްރޫނޯ ކާމިޔާބުކުރިއިރު، އެ ޓީމުގެ ދެވަނަ ޕެނަލްޓީ ޑުރިޗް ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އެކަމަކު، އެ ޓީމުން ދެން ޕެނަލްޓީ ޖަހަންދިޔަ މިރްޖަލާލް ކަސިމޯވް އާއި މުހައްމަދު ގަބާލާ ކާމިޔާބުކުރިއިރު، ބުރު މޮޅުވި ޕެނަލްޓީ ވައްދާލީ ފަހު ހާފުގައި ކުޅެން ނިކުތް އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.
މި ފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މި މަހުގެ 17 ވާ ބުދަ ދުވަހުގެ ހަވީރު ބުރު ނިކުންނާނީ މިރޭ ކުޅެވޭ ދެވަނަ ސެމީގައި ކުޑަ ހެންވޭރު ޔުނައިޓެޑާ ދެކޮޅަށް ކްލަބް ޓީނޭޖް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
