އިރިޓެބަލް ބަވަލް ސިންޑްރޯމް (އައި.ބީ.އެސް) އަކީ ބޮޑު ގޮހޮރަށް އޭގެ އަސަރުކުރުވާ، އާންމު ބައްޔެކެވެ. މިއީ ބަނޑުގައި ރިހުމާއި، ބަނޑު ފުއްޕާފައި ހުރުމާއި ވައިގެ އެކި އެކި އުނދަގޫތައް ކުރިމަތި ކުރުވާ އަދި ބޭރަށްހިންގުން ނުވަތަ ބަނޑުހަރުވުން ފަދަ ކަންކަން ކުރިމަތި ވެދާ ބައްޔެކެވެ. އައި.ބީ.އެސް އަކީ ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭނެ ދިގު މުއްދަތަކަށް ދެމިގެންދާ ބައްޔެއްކަމަށް ގިނަ ޑަކްޓަރުން ފާހަގަ ކުރެއެވެ.
އައި.ބީ.އެސް ޖެހިފައިވާ މީހުންގެ ތެރެއިން ނުރައްކާތެރި އަލާމާތްތައް ފެންނަނީ މަދު އަދަދެއްގެ މީހުންގެ ކިބައިންނެވެ. ބައެއް މީހުންނަށް ކެއުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ވައްޓަފާޅި އަދި ސްޓްރެސް މެނޭޖްކޮށްގެން (ހާސްވުމާ ނުތަނަވަސްވުން ހައްލު ކުރެވިގެން) އެމީހުންގެ އަލާމާތްތައް މަދުކޮށް ނުވަތަ ނައްތާލެވޭ ގޮތް އެވެ. މިކަމުގައި މި ދެންނެވި ކަންކަމުން ހައްލު ނުވާ ނުރައްކާތެރި އަލާމާތްތަކަށް ބޭސް ބޭނުން ކުރުމުގެ އިތުރަށް ކައުންސެލިންގ ދިނުމަކީވެސް ފަރުވާ ކުރެވިދާނެ ކަންކަން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.
ބައެއް މީހުނަށް ހީވެފައިވާ އޮންނަ ގޮތާއި ހިލާފަށް، އައި.ބީ.އެސް އަކީ އޭގެ ސަބަބުން ގޮހޮރުގެ ހަތާރުތަކަށް ބަދަލު ގެނުވާ ނުވަތަ "ކޮލޮރެކްޓަލް" (ބޮޑު ގޮހޮރުގެ ފުލާއި ފުރަގަސްފަރާތު ގެ އެތެރެބައިގެ) ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވާ ބައްޔެއް ނޫނެވެ.
އައި.ބީ.އެސް ގެ އަލާމާތްތައް އެކި މީހުންގެ ތަފާތު ނަމަވެސް އާންމުކޮށް ފެންނަ އަލާމާތްތައް ގިނަ ދުވަސް ވަންދެން ފެނެއެވެ. އޭގެ ތެރެއިން އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ބަނޑުގެ ކޮންމެވެސް ހިސާބެއްގައި ގިނަ ދުވަސްވަންދެން ރިހޭ ރިހުމަކާއި، ބަނޑުގެ މަސްތައް އަކުނިވަޔަށްދެމުމާއި، މައިދާ އާއި ގޮހޮރުގައި ވައި ހެދި ހަޖަމަށް ބުރޫ އެރުމާއި، ގޮހޮރުގެ ސިފައަށް ބަދަލު އައުމާއި،
ގޮހޮރުގެ ހަރަކާތްތަކަަށް ބަދަލު އައުމާއި، ބަނޑު ފުއްޕާފައި ހަރުކޮށް ހުރުމާއި އަދި ބޮޑުކަމުދާ ތަކެތީގައި ދަވަ ހުރުން ފަދަ ކަންކަން ހިމެނެއެވެ.
އައި.ބީ.އެސް ޖެހެނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ. ނަމަވެސް މިކަމުގައި ދައުރެއް އަދާކުރާ ކަމަށް ފެންނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ގޮހޮރުގެ މަސްތައް ހަރުވެ ކުރުގެޅުމެވެ. ގޮހޮރުގެ ފާރުތަކުގައި، މަސްތަކުގެ ފަށަލަތަކެއް ޖަހާފައި ހުންނައިރު، އެ މަސްތަކުގެ ސަބަބުން ހަޖަމުކުރާ ނިޒާމުގެ ތެރެއިން ކާނާ ގެންދާއިރު މިފަދައިން ހަރުވެ ކުރުގެޅެއެވެ. މިހެން ހަރުވެ ކުރުގެޅޭ ގެޅުން، އާންމު ހާލަތަށް ވުރެ ވަރުގަދަވެ ގިނަ ދުވަހު ދެމިގެންދާނަމަ، ގޮހޮރުގައި ވައި ހެދި، ބަނޑު ފުއްޕާފައި ހުރެ، ބޭރަށް ހިންގުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. ގޮހޮރުގެ ހަރަކާތްތައް ބަލިކަޑި ވުމަކީ ކާނާ ފޮނުވުން ލަސްވެ، ބަނޑުހިކުން މެދުވެރިވެދާ ކަމެކެވެ.
މިކަމަށް މަގުފަހި ކުރުވަފާނެ އަނެއް ކަމަކީ ހަޖަމުކުރާ ނިޒާމުގައި ހުންނަ ނާރުތަކުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރުމެވެ. ސިކުނޑިއާއި ގޮހޮރާ ދެމެދު ރަނގަޅަށް "މުއާމަލާތު" ނުކުރެވޭ ސިގްނަލްތަކުގެ ސަބަބުން އާންމުކޮށް ހަޖަމުކުރުމުގެ ތަރުތީބަށް އަންނަ ބަދަލުތަކަށް ހަށިގަނޑު މާބޮޑަށް ރައްދު ދެއެވެ. އޭގެ ސަބަބުން ބަނޑުގެ ކޮންމެވެސް ހިސާބެއްގައި ރިހުން ނެގުމާއި، ބޭރަށްހިންގުން ނުވަތަ ބަނޑުހިކުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.
އައި.ބީ.އެސް އުފެދިފައިވަނީ ބެކްޓީރިއާ ނުވަތަ ވައިރަހެއްގެ ސަބަބުން ކަމަށް ވާނަމަ ހޮޑުލުމާއި އެކު ބޭރަށްހިންގުން ގިނަވެދާނެއެވެ . އަދި ގޮހޮރުގައި ބެކްޓީރިއާ ގިނަވުން ވެސް އައި.ބީ.އެސް އާއި ގުޅިފައި ހުރެދާނެއެވެ.
އުމުރުގެ ކުރީކޮޅު ހާސްވެ ނުތަނަވަސް ވުމަކީވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެދާނޭ ކަމެއް ކަމަށް މާހިރުން ވިދާޅުވެއެވެ. ޚާއްޞަކޮށް ކުޑައިރު ހާސްވެ ނުތަނަވަސްވާ ފަދަ ބޮޑު ހާދިސާތަކަށް ހުށަހެޅޭ މީހުންނަށް އައި.ބީ.އެސް ގެ އަލާމާތްތައް ގިނައިން ފެންނަން ފަށައެވެ.
ގޮހޮރުގެ މައިކްރޯބްތަކަށް އަންނަ ބަދަލުތަކަކީވެސް މޖ އައި.ބީ.އެސް ޖެހިދާނޭ ކަމެކެވެ. މިސާލަކަށް އާންމުކޮށް ގޮހޮރުގައި ދިރިއުޅޭ އަދި ސިއްހަތަށް މުހިންމު ދައުރެއް އަދާކުރާ ބެކްޓީރިއާ، ފަންގަސް އަދި ވައިރަސްތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އައި.ބީ.އެސް ޖެހިފައިވާ މީހުންގެ މައިކްރޯބްތައް ސިއްހަތު ރަނގަޅު މީހުންގެ މައިކްރޯބްތަކާ ތަފާތުވެދާނެ އެވެ.
މި ބަލާލެވުނީ އައި.ބީ.އެސް ގެ ބައެއް އަލާމާތްތަކާއި މި ބަލި ޖެހުމަށް މެދުވެރިކުރުވަފާނޭ ބައެއް ސަބަބުތަކަށެވެ. މިއީ މިފަދަ ބައްޔެއް ތަހައްމަލު ކުރާ މީހަކަށް ކޮށްމެހެން އެނގުން މުހިންމު އަދި އެހެން މީހުންނަށްވެސް އެނގިފާ ހުރުން މުހިންމު މައުލޫމާތު ތަކެއް ކަމުގައި ދެކެމެވެ. އަދި މި ބަލީގެ ސަބަބުން ދިމައިވެދާ އެހެން ބައެއް ކަންކަމާއި، މި ބަލީގެ ފަރުވާއާއި، ރައްކާތެރިވުމަށް ކުރެވިދާނޭ ބައެއްކަންކަން އެހެން ލިޔުމެއްގައި ހިމަނާލާނަމެވެ.
