އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ އުރުގުއޭ ފޯވާޑަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ލިވަޕޫލަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފުލަމްއާ 2-2 އިން އެއްވަރުވިިއިރު، ރޭގެ މެޗު ވެސް ނިންމާލީ އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާއެކު ލިވަޕޫލް އޮތީ 12 ވަނައިގައެވެ. ޕެލަސް އޮތީ ލިބުނު އެއް ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވޭއިރު، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަންނަ ޖޮއެލް މަޓިޕްގެ ބަދަލުގައި ރޭގެ މެޗު ފެށީ ނެޓް ފިލިޕްސް އެވެ.

ޕެލަސްގެ ސެލްހާސްޓް ޕާކްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޕެލަސް އަށް މި ލަނޑުޖަހައިދިނީ އައިވަރީ ކޯސްޓްގެ ވިންގާ ވިލްފްރައިޑް ޒަހާ އެވެ. މިއީ އެ ޓީމުގެ އެބެރޭޗީ އެޒޭ ދިން ރީތި ޕާހަކުން ލިވަޕޫލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ޒަހާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ބޯޅަ ނެތިސް ޕެލަސްގެ ޑިފެންޑަރު ޔަކީމް އެންޑަސަން އަށް ހަމަލާ ދިނުމުން ލިވަޕޫލްގެ ފޯވާޑް ނޫނޭޒަށް ވަނީ ސިދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ލިވަޕޫލުން އެއްވަރުކުރި ލަނޑު، 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. މިއީ ޕެލަސްގެ ހަތަރު ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ޑިއާޒް ކާމިޔާބުކުރި ރީތި ގޯލެކެވެ.

އޭގެފަހުން، ޕެލަސް އަށް ލީޑް ފުޅާކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ޗީކް ޑުކޫރޭ ދިން ހިތްގައިމު ޕާހަކުން ޕެނަލްޓީއޭރިޔާ ތެރެއިން ޒަހާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ލީގުގައި ލިވަޕޫލަށް ދެން އޮތީ އަންނަ އަންގާރަ ދުވަހު ރާއްޖޭގަޑިން 00:00 ގައި އޯލްޑް ޓްރެފޯޑްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.