އިރިޓަބަލް ބަވަލް ސިންޑްރޯމް (އައ.ބީ.އެސް) އަކީ ހަމަ ކޮންމެ މީހަކަށްވެސް ޖެހިދާނޭ ބައްޔެކެވެ. ނަމަވެސް އެ ބަލި އާންމުކޮށް ޖެހިފައިތިބި މީހުން ނުވަތަ އާންމުކޮށް ޖެހިދާނޭ ކަމަށް ޑަކްޓަރުން ކަނޑައަޅާ ވަކި ހާއްސަ ބަޔަކު ވެއެވެ. 

އޭގެތެރެއިން އެއް ބަޔަކީ ޒުވާނުންނެވެ. އައި.ބީ.އެސް ގިނައިން ޖެހެނީ އުމުރުން 50 އަހަރުން ދަށުގެ މީހުންނަށް ކަމަށް މަޔޯ ކްލިނިކްނިންގެ މަޖައްލާއެއްގައި ވެއެވެ.

އަންހެނުންނަކީވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށްވެސް ވެއެވެ. އެމެރިކާގައި އައި.ބީ.އެސް ގިނައިން ފެންނަނީ އަންހެނުންގެ މެދުގައި އެވެ. މެނޮޕޮސް (ޙައިޟުވުން ހުއްޓުން) ގެ ކުރިން ނުވަތަ ފަހުން "އީސްޓްރޮޖެން" ތެރަޕީ ދޭ މީހުންނަކީ ވެސް އައި.ބީ.އެސް އަށްހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެކެވެ. އައި.ބީ.އެސް ޖެހިފައިވާ އާއިލާ މީހަކު ހުރުމަކީ އޭގެ ސަބަބުން ތިމާއަށްވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމެކެވެ. އެކަމުގައި ޖެނެޓިކްސްގެ ދައުރެއް އަދާކުރާ ކަމަށާއި އާއިލާގެ މާހައުލާއި އަދި ޖެނެޓިކް ފެކްޓާސް ތައް އެކުވުމުން އެ ފުރުސަތު ބޮޑުވާ ކަމަށް މަޔޯކްލިނިކްގައި ފާހަގަކޮށްފައިވެއެވެ. މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު އަނެއް ބަޔަކީ، ހާސްކަމާއި، ޑިޕްރެޝަން ނުވަތަ ނަފްސާނީ ސިއްހަތުގެ އެހެން މައްސަލަތަކެއް ހުންނަ މީހުންނެވެ. ޖިންސީ، ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާގެ ތާރީޚެއް އޮތުމަކީ ވެސް ފުރުސަތު ބޮވެދާނެ ކަމެކެވެ. ހާސްކަމާ ނުތަނަވަސް ވުމަކީ ވަރަށްގިނަ ޖިސްމާނީ ބަލިތަކުގެ "ރިސްކް ފެކްޓާރ" އެއް ކަމަށް ވެދެއެވެ.

އައި.ބީ.އެސް ގެ ސަބަބުން ދިގު މުއްދަތަކަށް ބަނޑުހަރުވުން ނުވަތަ ބޭރަށް ހިންގާނަމަ ފުރަގަސްފަރާތް ފާރުވެ ނުވަތަ ފުރަގަސްފަރާތް ފޭބުން ފަދަ ބައެއްކަހަލަ ކަންކަން ދިމައިވެދެއެވެ. މީގެ އިތުރުން އައި.ބީ.އެސް އާއި ގުޅިގެން އިތުރަށް ކުރިމަތިވެދާ އެހެން މައްސަލަތަކުގެ ތެރޭގައި ދިރިއުޅުމުގެ (ދުޅަހެޔޮ) ފެންވަރު ދަށްވުން ހިމެނެއެވެ. އާދައިގެ މިންވަރަށް ވުރެ، ސީރިއަސް އައި.ބީ.އެސް ހުންނަ ގިނަ މީހުން ރިޕޯޓްކުރާ ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ފެންވަރު (ސިއްހީގޮތުން) ދަށްވެއެވެ. އެއީ ކެއުމުގެ ވައްޓަފާޅިއާއި ފާހާނާ ކުރުމުގެ ވައްޓަފާޅިއަށް އަންނަ ތަރުތީބުގެ އޮޅުން ބޮޅުންގަނޑެއްގެ ސަބަބުން ކަމަށް ގިނަ ދިރާސާވެރިން ފާހަގަ ކުރައްވައެވެ.

މި ބަލީގެ ސަބަބުން ދެން ކުރިމަތިވެދާ އަނެއް މައްސަލަ އަކީ މޫޑް ޑިސްއޯޑަރސް އެވެ. މީހާގެ މިޒާޖަށް އަންނަ އެކި އެކި އަވަސް ކުއްލި ބަދަލު ތަކެވެ. އައިބީއެސްގެ ބައެއް އަލާމާތްތައް ތަޖުރިބާ ކުރުމުން ޑިޕްރެޝަން ނުވަތަ ހާސްކަން ކުރިމަތިވެދާނެ އެވެ. މިފަދަ މިސާލެއްގެ ގޮތުގައި މަޔޯކްލިނިކްގައި ގެނެސްފައިވަނީ ވާނުވާ ނޭނގޭ ތަދުތަކެވެ. އެހެނީ ތަދެއް އިހުސާސް ކުރެވުމާއި އެކު ބައެއް ކަންކަމުގައި މަސައްކަތް ކުރަން އުނދަގޫ ކުރުވަފާނެއެވެ. ތަކުރާރުކޮށް ޑަކްޓަރަށް ދެއްކިނަަމަވެސް ސީދާ ސަބަބު ދެނެނުގަނެވިދާނެއެވެ. އެފަދަ ހާލަތްތަކުގައި ބަލި މީހާގެ ހާސްކަމާއި ނުތަނަވަސްކަން އިތުރުވެދެއެވެ. މިފަދައިން ހާސްވެ ނުތަނަވަސްވުމުން އައި.ބީ.އެސް ގެ ހާލަތު އިތުރަށް ގޯސްވެދެއެވެ.

އައި.ބީ.އެސް އަށް އާންމުގޮތެއްގައި ކުރެވޭ ފަރުވާތަކުގެ ތެރޭގައި ބޭސް ބޭނުން ކުރުން ހިމެނެއެވެ. މިފަދައިން ބޭސް ދޭއިރު، ޑަކްޓަރު، ގިނަ ދުވަސްތަކެއް ވަންދެން ބޭސް ލިޔެދީފައި ހުރެދާނެއެވެ. ފަހަރުގައި އެ މުއްދަތުގެ ތެރޭގައި މުޅިން ރަނގަޅުވެސް ނުވެދާނެއެވެ. އެކަމުގައި ހާސްވުމެއް ނުތަނަވަސްވުމެއް އިސްކުރުމެއް ނެތެވެ. މި ބައްޔަށް އަމިއްލައަަސް ކުރެވިދާނޭ ފަރުވާއެއްގެ ގޮތުގައި ޑަކްޓަރުން ފާހަގަ ކުރާ ކަމަކި ކެއުމުގެ އާދައަށް ގެންނަ ބަދަލު ތަކެވެ. ކާ ގަޑިތަކާއި ކާ މިންވަރާއި ކެއުމުގައި ބޭނުން ކުރާ ތަކެއްޗަށް ގެންނަ ދާއިމީ ބަދަލުތަކެވެ.

އައި.ބީ.އެސް ހުންނަ މީހުންގެ ކެއުމުގެ އާދަތަށް އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ. މިލިޔުމުގައި ޖުމުލަކޮށް މި ބަލާލީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ކޮންކޮން ބަޔަކަށްތޯ އާއި މި ބަލީގެ ސަބަބުން ދެން އުފެދިދާނޭ ބައެއް އެހެން މައްސަލަތަކަށެވެ.