2013 ވަނަ އަހަރު ޑިޒްނީ ސްޓޫޑިއޯސް އިން ގެނެސްދިން އެނިމޭޓެޑް ފިލްމު "ފްރޯޒެން"ގެ 03 ވަނަ ފިލްމެއް ހަދާނެ ކަމަށް ފިލްމުގައި އާނާގެ ކެރެކްޓަރއަށް ޑަބްކޮށްފައިވާ 'ކްރިސްޓަން ބެލް' ބުނެފިއެވެ.
ޖިމީ ފެލަންއާއެކު ގެނެސްދޭ "ދަ ޓުނައިޓު ޝޯވ"ގައި ވާހަކަ ދައްކަމުން އޭނާ ބުނީ "ފްރޯޒެން 03" ކޮންފޯމްވެއްޖެ ކަމަށާއި އިންޑީނާ މެންޒެލް (އެލްސާ) ވެސް ހުރީ މަސައްކަތް ފަށަން ތައްޔާރަށް ކަމަށެވެ. ނަމަވެސް ކްރިސްޓަން ބެލް މިފިލްމުގައި މަސައްކަތް ނުކުރާނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
2013 ވަނަ އަހަރު ރިލީޒްކުރި "ފްރޯޒެން"އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަޤްބޫލުވެގެން ދިޔަ އެނިމޭޓެޑް ފިލްމެކެވެ. އެހެންކަމުން 2019ގައި ވަނީ "ފްރޯޒެން 02"ގެ ނަމުގައި އޭގެ ދެވަނަ ބައެއް ވެސް އުފައްދައިފައެވެ.
"ފްރޯޒެން"ގެ ފުރަތަމަ ފިލްމަށްފަހު ދެވަނަ ފިލްމާ ދެމެދު ވެސް 06 އަހަރު ވެގެން ދިޔައެވެ. "ފްރޯޒެން 02"ރިލީޒްކުރި ފަހުން އަދި މިވީ 03 އަހަރެވެ. ހަމަމިއާއެކު "ފްރޯޒެން 03"އާ ގުޅޭ އެއްވެސް ވާހަކައެއް އަދި ޑިސްނޭ ސްޓޫޑިއޯސްއިން އިޢުލާންކޮށްފައެއް ވެސް ނުވެއެވެ. އެހެންކަމުން ބެލެވެނީ އަދި 03 ވަނަ ފިލްމު ތިއޭޓަރުތަކުން ފެންނަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށެވެ.

"ފްރޯޒެން 03"ގައި ފިލްމުގެ ވާހަކަ ކޮންމެ ގޮތަކަށް ވެސް އެނބުރިދާނެއެވެ. އެގޮތުން ބައެއް ބެލުންތެރިން ބުނަނީ ތިންވަނަ ފިލްމުގައި އާނާއާއި އެލްސާއާ ދެމެދު ސިޔާސީ މައްސަލަތަކެއް ވެސް ޖެހިގެން ހިނގައިދާނެ ކަމަށެވެ. ފިލްމުގެ ވިލަންއަކީ ވިލް ހާންސް ކަމަށް ވުން ވެސް ވަރަށް ގާތެވެ. ނޫނީ އެލްސާއަށް ލިބިފައިވާ ބާރުތަކަށް ގޮންޖަހާލަން އިތުރު ވިލަންއެއް ތަޢާރުފްވުން ވެސް ގާތެވެ. އެލްސާގެ ބާރުތަކުގެ ވާހަކަތައް ދައްކަމުން ބައެއް ބެލުންތެރިން ބުނީ އާނާގެ ފަރާތުން ވެސް އެފަދަ ބާރުތަކެއް ފެނުމަކީ ވަރަށް ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ. އަދި އާނާއާއި ކްރިސްޓޮފްއަށް ދަރިން ލިބި އެދަރިން ގޮވައިގެން އުޅޭ މަންޒަރަކީ ވެސް ވަރަށް ދެކެން ބޭނުންވާ މަންޒަރެއް ކަމަށް ފާހަގަކުރިއެވެ.

