މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލްގައި ފަސޭހަކަމާއެކު ކްލަބް ޓީނޭޖް ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ބުރު މޮޅުވީ 4-0 އިންނެވެ.
އެ ޓީމުން މިދިޔަ އަހަރުގެ ބޭއްވުނު ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ތަށި އުފުލާލީ ވެސް މެޗަކުން ބަލިނުވެ، ކުޅުނު ނުވަ މެޗު ކާމިޔާބުކޮށްގެންނެވެ. ބުރުން މެޗުގެ 90 މިނެޓުގެ ތެރޭގައި ނަތީޖާ ނުނެރެ ނިންމާލީ ސެމީ ފައިނަލްގައި ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އޭގެ ކުރީން ކުޅުނު ހަތް މެޗާއެކު ފައިނަލް މެޗު ފުރިހަމަވަގުތު ހަމަވިއިރު ކާމިޔާބުކުރިއެވެ. ސެމީގެ މެޗު ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގައި މި ދެ ޑިވިޝަނަށް ބަލާއިރު ފާހަގަކޮށްލެވޭ ހާއްސަ ކާމިޔާބީއެކެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 30 ވަނަ މިނެޓުގައި ބުރުން ލީޑްނެގީ ޕެނަލްޓީއަކުންނެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު ތަޝްމީން (ތައްތި) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މި ލަނޑުޖަހައިދިނީ އުޒްބެކިސްތާނުގެ މިޑްފީލްޑަރު މިރްޖަލޮލް ކަސިމޯވް އެވެ.
މި ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް ބުރުގެ ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ޓީނޭޖްގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ވަނީ ހިލޭޖެހުމެއް ދީފައެވެ. މި ފައުލަށް ޓީނޭޖްގެ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލްކުރިއިރު، ރެފްރީ ސިނާން ނިންމީ މި ފަހަރު ޕެނަލްޓީ ނުދޭށެވެ. ނުސީދާ ހިލޭޖެހުމަކުން ޓީނޭޖްގެ ކެޕްޓަން ފުރްކަޓްޔޯން ސާދިރިއްދީން ފޮނުވާލި ބޯޅަ ބުރުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާން (ބަބޭ) މަތަކުރިއެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބުރުގެ ދެވަނަ ލަނޑުޖަހައިދިނީ ތަޝްމީން (ތައްތި) އެވެ. މިއީ އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަސިމޯވް ހުސްކޮށްލާފަ ދިން ޕާހަކުން ތަޝްމީން ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
ބުރުން ޖެހި ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަސިމޯވް އެވެ. އޭނާ މި ލަނޑުޖެހީ ތައްތި ދިން ބޯޅައަކުންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ބުރުގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި ތައްތި އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުގެ ސާބިއާ ފޯވާޑް ސްޓެފަން ޑުރިޗް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ޓީނޭޖުގެ މިސްރު ކީޕަރު މުހައްމަދު ހަސަން އަބްދުލްހާމިދު ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ވެސް ޓީނޭޖެވެ.
މި ދެ ޓީމަށް ދެން އޮތީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމަށްޓަކައި ކުޅެންޖެހޭ ރެލިގޭޝަން ޕްލޭއޮފް މެޗުތަކެވެ. ބުރާއި، ޓީނޭޖްގެ އިތުރުން ރެލިގޭޝަން ޕްލޭއޮފްގައި ދެން ވާދަކުރާނީ ނިމިދިޔަ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށްދިޔަ ދެ ޓީމު ކަމަށްވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
ލީގު އުސޫލުން އެއް ބުރު ކުޅޭ ރެލިގޭޝަންގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުރިއަށް އޮތް އާ ސީޒަންގައި އެއްވަނަ ޑިވިޝަނަށް އަރައި، ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ.
