މިއަދު ބޭއްވުނު އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުޘްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެ ތަމްޞީލުކުރައްވައި، ރެކޯޑްކުރެވިފައިވާ ވީޑިއޯ ޚިތާބެއް ދެއްވާފައެވެ. 
ފޮރިން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ފެށުމުގެ ގޮތުން އ.ދ. ގެ ޗާޓަރުގައި ފަވާލެވިފައިވާ މަލްޓިލެޓްރަލިޒްމް ގެ އުޞޫލުތަކަށް ދިވެހިރާއްޖެއިން ކުރާ ޤަދަރު އައުކުރައްވައި، މީގެ 55 އަހަރުކުރިން އ.ދ. ގެ ތަޅުމުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް އިއްވި ޚިތާބުގެ ހަނދާން އައުކުރައްވާފައެވެ. އެގޮތުން ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައިވާ ކޯވިޑް-19  ގެ ބަލިމަޑުކަން މުޅި ދުނިޔެއިން ތަހައްމަލުކުރަމުގެންދާ މިދަނޑިވަޅުގައި، މަލްޓިލެޓްރަލިޒްމްގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބައިވަންތަކަން އިސްކުރުމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ. އަދި އެމަނިކުފާނުގެ މިގޮވާލެއްވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ އ.ދ. ގެ އާއްމު ބަހުޘްގެ މިއަހަރުގެ މައުޟޫއަށްވެސް ރިޢާޔަތްކުރައްވާފައެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވަމުން، ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންގެ ޙައްޤުގައި އެ މަނިކުފާނު ވަކާލާތުކުރެއްވިއެވެ. އަދި ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައިޘިއްޔަތުން އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރާ ޘަޤާފަތެއް އަށަގެންނެވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން ލިބިފައިވާ ޚާއްސަ ތަޖުރިބާ ދުނިޔޭގެ އެހެން ޤައުމުތަކާ ޙިއްސާކުރުމަށް ތައްޔާރަށް ތިބިކަން ހާމަކުރެއްވިއެވެ.
މިބަހުޘްގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ޕްލާސްޓިކުގެ މާއްދާތައް ހިމެނޭ ބާވަތްތަކުގެ ކުނިން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ނުރައްކާތެރި މައްސަލަތަކަށް ޙައްލު ހޯދަމަށް ޕެރިސް މުޢާޙަދާ ތަންފީޒުކުރުމަށާއި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ މުހިއްމުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުން ލިބެމުންދާ ޢިބްރަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ބައިނަލްއަޤްވާމީ ނިޒާމުގެ ތެރޭގައިވާ ފަރަޤުތަކާމެދު ކަންބޮޑުވުންފާޅުކުރައްވާފައެވެ. 
ޒަމާނަށް ފެތޭނެހެން އ.ދ.ގެ ބައެއް ކަންކަން އިސްލާޙުކުރަން ޖެހޭކަން ޤަބޫލުކުރެއްވިނަމަވެސް، އ.ދ.އަކީ އުފެދުނީއްސުރެ މިއަދާ ހަމައަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ޖަމްޢިއްޔާއެއްކަމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ ޚިތާބުގައި އެމަނިކުފާނު އިތުރަށް ފާހަގަކުރައްވާފައިވެއެވެ. އަދި ނިންމަވާލައްވަމުން އެމަނިކުފާނުވަނީ "އ.ދ. އަކީ މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ އުންމީދެއް" ކަމުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން އެޖަމްޢިއްޔާއަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.