ފިލްމީ މަސައްކަތައް ނެގުން ހުއްޓާލީ ދަރިއަކު ހޯދަން ބޭނުންވުމުންކަމަށް ބޮލީވުޑް އެކްޓްރެސް ބިޕާޝާ ބާސޫ ބުނެފިއެވެ. 2015 ވަނަ އަހަރުގެ ފިލްމު 'އެލޯން' ގަ މަސައްކަތްކުރުމުގެ ތެރެއިން ކަރަން ސިންގް ގްރޯވަރ އާއެކު ލޯބީގެ ގުޅުމެއް އުފެދި، އޭޕްރީލް 2016 ގަ އޭނާއާއި ކައިވެނި ކުރި ބިޕާޝާ އެންމެ ފަހުން ސްކްރީނުން ފެނިގެން ދިޔައީ 2020 ވަނަ އަހަރު، ވިކްރަމް ބަޓްގެ ކްރައިމް-ތްރިލަރ ވެބް ސީރީޒް 'ޑޭންޖަރަސް' އިން ފިރިމީހާ ކަރަން އާއެކީގައެވެ.

"2019 ވަނަ އަހަރު ފަހުކޮޅު ފުރަތަމަ ބޭބީއެއް ހޯދަން ޓްރައިކުރަން ފެށީ. ދެން 2020 ވަނަ އަހަރު ކޮރޯނާއާއެކު އެ ޚިޔާލު ދޫކޮށްލީ އޭރު ދެން ދުނިޔެއަށް ވާނެގޮތެއް ނޭނގޭތީ. އަހަރުދުވަހުގެ ބްރޭކަކަށްފަހު އަނެއްކާވެސް 2021 ވަނަ އަހަރު ޓްރައި ކުރަން ފެށީ." ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަރވިއުއެއްގަ ބިޕާޝާ ބުންޏެވެ.

ބިޕާޝާ ބުނީ ބަނޑުބޮނޑުކަން ފުރަތަމަ އެނގުނު ދުވަހު ކަރަންއާ ދެމީހުން ފުރަތަމަވެސް ދިޔައީ ބިޕާޝާގެ މަންމަގެ ގެއަށް ކަމަށެވެ. "ކަރަންއާ އަހަރެން ދަރިއަކު ހޯދުމަކީ މަންމަގެ ވަރަށް ބޮޑު ހުވަފެނެއް. އެހެންވެ އެންމެ ފުރަތަމަވެސް މަންމަޔާ އެކު މި އުފާވެރިކަން ޙިއްސާކޮށްލަން ބޭނުންވީ."

ފިލްމީ މަސައްކަތަކުން ބިޕާޝާ ނުފެނި ދެ އަހަރު ވެފައިވަނިކޮށް ބަނޑުބޮޑުކަން އިއުލާންކުރުމުން އޭނާ ފިލްމީ ދާއިރާއާ ދުރަށްދާން ނިންމީ ކަމަށް އަޑުތައްވަނީ ފެތުރިފައެވެ. އެހެންނަމަވެސް ބިޕާޝާ ބުނީ މަންމައަކަށް ވުމަށްފަހު ފިލްމީ ދާއިރާގެ މަސައްކަތްތަކަށް އަނެއްކާވެސް އެނބުރި އަންނާނެކަމަށާ ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.

ބިޕާޝާއާއި ކަރަން ފުރަތަމަ ދަރިފުޅުގެ އިންތިޒާރުގަ ތިބިކަން ހާމަކުރީ މިހަފްތާގެ އަންގާރަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.