އެފްއޭކަޕް ދެވަނަ ސެމީ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް) އަތުން 5-4 އިން ހޯދީ މޮޅާއެކު ކްލަބް ވެލެންސިއާ އިން އެ މުބާރާތުގައި ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
ފައިނަލްގެ ޖާގަ މާޒިޔާ އިން ހޯދީ މިއަދު ހަވީރު ކުޅެވުނު ފުރަތަމަ ސެމީގައި އިތުރުވަގުތުގެ ދެ ހާފު ކުޅެގެން 3-1 އިން ކްލަބް ގްރީން ސްޓްރިޓްސް ބަލިކޮށްގެންނެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި މާޒިޔާއާ ދެކޮޅަށް ވެލެންސިއާ ނިކުންނަ ދެވަނަ ފައިނަލެވެ. މީގެކުރީން، މިދިޔަ ޖަނަވަރީ މަހުގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި ވެލެންސިއާ ވަނީ 2-1 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްފައެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ދެވަނަ ސެމީގައި ވެލެންސިއާ އިން ލީޑްނެގީ ފަހު ހާފުގެ ކުޅުން ފެށިތާ 12 ވަރަކަށް މިނެޓުގެ ތެރޭގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ހަނީފު (ބެންޖޯ) ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބެންޖޯ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ވެލެންސިއާ މޮޅުވާނެ ކަމަށް ނިންމައިގެން ތިއްބާ، ސަސް އިން އެއްވަރުކުރީ މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަހުމަދު ހުސާމް އެވެ.
މެޗުގެ ފުރިހަމަވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު، 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއަުޓްގައި ވެލެންސިއާގެ ޔާނު، އަސްހަދު އަލީ (އަޑުބަރޭ)، ހަލީލް ގަމާލް އާއި އިސްމާއިލް އީސާގެ އިތުރުން އަބްދުﷲ މިދުހަތު ހިލްމީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ ބެންޖޯ އާއި ހުސެއިން ސުފްޔާނު އަދި ސަމްދޫހު މުހައްމަދު އެވެ. އެ ޓީމު މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ހިލްމީ (ބިޗަޑު) އެވެ.
ސަސްގެ ފުރަތަމަ ޕެނަލްޓީ އާއި އެންމެ ފަހުން ފޮނުވާލި ތިން ޕެނަލްޓީ ވައްދާލެވޭ ގޮތެއް ނުވިއެވެ. އެ ޓީމުގެ އަހުމަދު އައިހަމް އާއި މުހައްމަދު އަލާއު އަދި އަލީ ނަސޫހު ރަޝީދުގެ އިތުރުން އައިހަމް އަހުމަދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ހުސާމް، މުހައްމަދު ނިޒާމް އާއި އިބްރާހިމް ފާރިޝް އަހުމަދު އަދި މުހައްމަދު ސާމިރު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރެވޭގޮތް ނުވިއެވެ.

މާޒިޔާ އިން މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ލީޑްނަގައިދިނީ އަކުރަމް އަބްދު ގަނީ (އަކޫ) އެވެ. މި މެޗުގެ 66 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދިނީ ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވާން ދަނިކޮށް ގްރީން ސްޓްރީޓްސްގެ ރިލޭ އަށް ދެ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމަށް މައްސަލަތައް ކުރިމަތިވިއެވެ. އޭގެފަހުން، މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވިއިރު، ނަތީޖާ ނެރުމަށް ދެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅޭށެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ 8 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑުޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި އޭގެފަހުން، އިތުރުވަގުތުގެ ދެވަނަ ހާފުގައި މާޒިޔާގެ ތިން ވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މޫސާ ޔާމީން (ޔާމްބެ) އެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މި ފަހަރުގެ އެފްއޭކަޕް ފައިނަލްގައި ވެލެންސިއާ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އެރޭ 9 ޖަހާއިރު އެވެ.
