މި އަހަރު މެލޭޝިއާގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ކުރީން ގައުމީ ކެރަމް ޓީމަށް ކުޅުންތެރިން ނެގުމަށް ސިލެކްޝަން މުބާރާތެއް ފަށައިފިއެވެ.
ގަލޮޅު ދަނޑުގައި ހުންނަ ގައުމީ ކެރަމް ހޯލްގައި އިއްޔެ ފެށި މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންގެ އިތުރުން މިއަހަރު މިހާތަނަށް ބޭއްވުނު އެކި މުބާރާތްތަކުގައި ފާހަގަކޮށްލެވުނު ކުޅުންތެރިން ފެނިގެންގޮސްފައިވެއެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މިހާރު ކުރިއަށްދާ ސިލެކްޝަން މުބާރާތަށް ފަހު ގައުމީ ކެރަމް ޓީމަށް އަންހެން އަދި ފިރިހެން ޖިންސް ހިމެނޭ ގޮތަށް ޖުމްލަ 10 ކުޅުންތެރިން ނަގާނެ ކަމަށެވެ.
އަންނަ އޮކްޓޫބަރު މަހުގެ 3-7 އަށް މެލޭޝިއާގައި ކުރިއަށްދާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރީން ގައުމީ ކެރަމް ޓީމުން ކޭމްޕް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
ވޯލްޑް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދާދިފަހުން ކެރަމް އެސޯސިއޭޝަނުން ވަނީ ޅ. ހިންނަވަރަށް 7 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގައި ގޮސްފައެވެ. މި ޓްރެއިނިން ކޭމްޕްގައި ގައުމީ ކެރަމް ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރުގެ ދުނިޔޭގެ ކެރަމް ޗެމްޕިއަން ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯ އެވެ.
