މާބަނޑު ދުވަސްވަރު މޭނުބައިކޮށް ހޮޑުލެވުން ތަޖުރިބާ ކުރުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. މި ހާލަތަށް މޯނިން ސިކްނެސް އޭ ކިޔައެވެ. މިއީ އާންމުގޮތެއްގައި ގެއްލުމެއް ދެނިވި ހާލަތެއް ނޫނެވެ. މިފަދައިން މޭނުބައިކޮށްފައި ހުންނަ ހުރުމަކީ އޭގެ ސަބަބުން ވަރަށް އުނދަގޫ ކުރުވާނެ ކަމެކެވެ.
މޯނިން ސިކްނެސް އާއި ހިލާފަށް، ހައިޕަރެމެސިސް ގްރެވިޑާރަމް (އެޗް.ޖީ) އަކީ މާބަނޑު ދުވަސްވަރު ގަދައަށް މޭނުބައިކޮށް ހޮޑުލެވުގައި "ހައްދުފަހަނަޅާފައިވާ" ވައްތަރެކެވެ. އެހެނީ މާބަނޑު ދުވަސްވަރު ހޮޑު ލެވުމަކީ އާންމު ކަމަކަށް ވެފާ، އެކަމުގައި ވެސް އެ އޮންނަ ހަމައާއި ހައްދަށްވުރެ ގިނައިން މި ހާލަތުގައި ހޮޑު ލެވޭތީއެވެ. މި ހާލަތުގައި ގިނަ ފަހަރަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަން ޖެހެ އެވެ.
މޯނިން ސިކްނެސް އާއި ހައިޕަރެމެސިސް ގްރެވިޑާރަމް އަކީ ތަފާތު ދެ ހާލަތެކެވެ. މޯނިން ސިކްނެސް އަކީ އާންމު ހާލަތަކެވެ. ނަމަވެސް ހައިޕަރެމެސިސް ގްރެވިޑާރަމް އަކީ ހާއްސަ ހާލަތެކެވެ. ހާއްސަ އަޅާލުމަކާއި ފަރުވާއެއް ބޭނުންވާނޭ ހާލަތެކެވެ.
މޯނިން ސިކްނެސްގައި އާންމުކޮށް ހިމެނެނީ ބައެއް ފަހަރު ހޮޑުލެވުމާއެކު މޭނުބައިކުރުން. މޭނުބައި ކުރުމަކީ މާބަނޑު ދުވަސްވަރު އާންމު ކަމެކެވެ. އެގޮތުން މާބަނޑުގެ އަންހެނުންގެ ގާތްގަނޑަކަށް 93 އިންސައްތަ މީހުންނަކީ މޯނިން ސިކްނެސް ތަހައްމަލު ކުރާ މީހުންނެވެނެ. (ހެލްތްލައިން 2021)
މޯނިން ސިކްނެސް އާއި އެކު އާންމުކޮށް މޭނުބައިކުރުމާއި ހޮޑުލެވުން، މާބަނޑު ދުވަސްވަރުގެ ފުރަތަމަ 12 ހަފްތާ އާއި 20 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ފިލައިގެން ދެއެވެ. އެ ހާލަތުގައި ލެވޭ ހޮޑުގެ ސަބަބުން މާބަނޑު މީހާ ޑީހައިޑްރޭޓްވުމުގެ ފުރުސަތު ވަރަށްވެސް ކުޑައެވެ. ޑީހައިޓްރޭޓް ވުމޭ މި ކިޔަނީ ހަށިގަނޑުން ފެން ދަމައިގަތުމޭ މި ކިޔާ ހާލަތަށެވެ. ލޭގެ އޮލަކަމުގައި ހުންނަ ފެނުގެ މިންވަރު މަދުވާ މަދުވުމަށެވެ.
އާންމުކޮށް މޯނިން ސިކްނެސް ފެށެނީ މާބަނޑު ދުވަސްވަރު ފުރަތަމަ މަހުގެ ތެރޭގައެވެ. ބައެއް މާބަނޑު އަންހެނުން މާބަނޑުކަން އެނގެނީވެސް ނުވަތަ ޓެސްޓް ކުރަން އެނގެނީވެސް އެފަދަ އަލާމާތެއް ފެނުމުންނެވެ. މޯނިން ސިކްނެސް އަކީ އާންމުކޮށް ތިންވަނަ ނުވަތަ ހަތަރުވަނަ މަހުގެ ތެރޭގައި ފިލައިގެންދާ ހާލަތެކެވެ. މޯނިން ސިކްނެސް ހުންނަ މީހުންނަށް ވަރުބަލިވެ، ކާހިތްނުވެ، ކާހިތްވުން ފިލާދާގޮތް ވެދާނެ އެވެ. އަދި އާންމުކޮށް ދުވަހުން ދުވަހަށް ކުރާ ގޭތެރޭގެ މަސައްކަތްތައް ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.
ހައިޕަރެމެސިސް ގްރެވިޑާރަމް އަކީ މޯނިން ސިކްނެސް އަށްވުރެ މަދުން ދިމާވާ ހާލަތެކެވެ. މިއީ ގާތްގަނޑަކަށް މާބަނޑު އަންހެނުންގެ 1 ނުވަތަ 2 އިންސައްތަ އަންހެނުންނަށް ދިމައިވާ ހާލަތެކެވެ. (ހެލްތްލައިން 2021). މި ހާލަތުގައި ވަނީ، އާންމުކޮށް ފިލައިގެން ނުދާ މޭނުބައިކުރުމަކާއި ޑީހައިޑްރޭޝަން އަށް މެދުވެރިކުރުވާ ހޮޑުލެވުމެކެވެ. މާނާ އަކީ ގަދައަށް މޭނުބައިކޮށް، ގިނައިން ހޮޑުލެވޭ ލެވުމެކެވެ. މިކަމުގެ ސަބަބުން އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް، ކެއުމުގެ ނުވަތަ ބޮއުމުގެ ފުރުސަތު ހަނިކޮށްދެއެވެ.
އާންމުކޮށް ހައިޕަރެމެސިސް ގްރެވިޑާރަމް ގެ އަލާމާތްތައް ފެށެނީ މާބަނޑު ދުވަސްވަރުގެ ފުރަތަމަ 6 ހަފްތާގެ ތެރޭގައެވެ. މި ހާލަތަކީ މާބަނޑު އަންހެނާ އިންތިހާއަށް "ބަލިކޮށްލާ"، ހަފްތާތަކެއް ނުވަތަ މަސްތަކެއް ވަންދެން ދެމިގެންދާ، ވަރުބަލިކަން އިހުސާސް ކުރުވާ ހާލަތެކެވެ. މިހާލަތު ކުރިމަތިވާ މީހުންނަށް ގޭތެރޭގެ އާންމު މަސައްކަތްތައްވެސް ކުރަން އުނދަގޫވެއެވެ. ގިނަފަހަރަށް ނުވެސް ކުރެވޭނެއެވެ. އެހެނީ މިއީ އިންތިހާއަށް ވަރުބަލިކުރުވާ ކަމަކަށް ވާތީއެވެ.
ހައިޕަރެމެސިސް ގްރެވިޑާރަމް ހުންނަ މާބަނޑު އަންހެނާ، މާބަނޑު ދުވަސްވަރު ޑީހައިޑްރޭޝަން އާއި ބަރުދަން ލުއިވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ. މިފަދައިން ޑީހައިޑްރޭޝަން އާއި ކުރިމަތި ލުމަކީ އޭގެ ސަބަބުން ބޮލަށް އެނބުރުން އަރާ ތެދުވެ އުޅެން އިންތިހާއަށް އުނދަގޫ ކުރުވާނޭ ކަމެކެވެ. އެހެންކަމުން ހައިޕަރެމެސިސް ގްރެވިޑާރަމްގެ ގިނަ ހާލަތްތަކަކީ އެނދުމަތިކޮށް ފަރުވާ ކުރަން ޖެހިދާ ހާލަތްތަކެކެވެ.
ޖުމުލަކޮށް މި ބަލާލެވުނި މޯނިން ސިކްނެސް އާއި ހައިޕަރެމެސިސް ގްރެވިޑާރަމްއާއި ހުރި ބައެއް މައިގަނޑު ތަފާތު ތަކަށެވެ. ހައިޕަރެމެސިސް ގްރެވިޑާރަމް ތަހައްމަލު ކުރާ މާބަނޑު އަންހެނާއާއި ދިމާލަށް، ތިއީ އާދައިގެ ކަމެކޭ، ތިޔަހާ ވަރުވާން ޖެހޭހޭ އެއްގޮތަކަށްވެސް ނުބުނާށެވެ. އެހެނީ އެއީ އާދައިގެ ކަމެއް ނޫނެވެ. އާދައިގެ ކަމަށް ވެދަނީ މޯނިން ސިކްނެސް އެވެ. ހައިޕަރެމެސިސް ގެރެވިޑާރަމް އަކީ އޭގެ ވޭން ބޮޑު، އޭގެ އަސަރު ދިގުލައިގެންދާ، މުޅި ނަފުސާއި ޖިސްމު ވަރިބަލިކުރުވާ ހާއްސަ ހާލަތެކެވެ.
