"ހީރޯޕަންތީ 02"އިން އެންމެ ފަހުން ފެނިގެންދިޔަ ބޮލީވުޑްގެ ޒުވާން ތަރި ޓައިގަރ ޝްރޮފްގެ "ސްކްރޫ ޑީލާ" އެއްވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ޝަޝާންކް ޚައިތާން ޑައިރެކްޓްކޮށް ގެނެސްދޭން ހަމަޖެހިފައިވާ މިފިލްމުގެ ރަސްމީކޮށް އިޢުލާންކުރުމުގެ ގޮތުން ނިމިިދިޔަ ޖުލައި މަހުގެ 25ގައި ވަނީ ޓީޒާއެއް ވެސް ދޫކޮށްލައިފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ޓައިގަރއަށް ޙަމަލާދޭން މަސައްކަތް ކުރި ބަޔަކާ ޓައިގަރ ތަޅާފޮޅާ މަންޒަރެވެ. މިފިލްމުގައި ޓައިގަރގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ ބެލުންތެރިންގެ މެދުގައި ވަރަށް މަޤްބޫލްވެ، މުޅި އިންޑިޔާ ގުގުމާލި ފިލްމު އައްލޫ އަރުޖުންގެ "ޕުޝްޕާ"ގައި ސްރިވައްލީގެ ރޯލު ކުޅުނު ރަޝްމީކާ މަންދާނާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ ކޮބައިކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. އެހެނީ މަދު މަދުން ނަމަވެސް ބައެއް ރިޕޯޓުތަކުން ބުނާ ގޮތުން ނަމަ ޝަނާޔާ ކަޕޫރު ނުވަތަ ޖާންވީ ކަޕޫރު ވެސް ޓައިގަރގެ ލޯބިވެރިޔާގެ ރޯލުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. 

މިފިލްމު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކަށް ވެގެންދިޔައީ ފިލްމަކީ ބޮޑު އެކްޝަން އެންޓަރޓައިނަރ ފިލްމަކަށް ވެފައި، ޚަރަދުކުރަން ޖެހޭ ވަރު ބޮޑުވެ އަދި ބަޖެޓު ތަން ނުދޭތީއެވެ. އަދި ހަމަމިއާއެކު ފިލްމު އިޢުލާން ކުރުމުގެ ގޮތުން ދޫކޮށްލި ޓީޒާ ވީޑިއޯއަށް ވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބޭނުންވި ވަރަށް ތަރުޙީބު ނުލިބި ދިޔުން ވެސް ވެގެން ދިޔައީ ފަސްކުރަން ޖެހުނު ސަބަބުތަކުގެ ތެރެއިން ސަބަބަކަށެވެ. އަދި މިހާރު ބޮކްސް އޮފީހުގެ ޙާލަތު ހުރި ގޮތުން މިދުވަސްކޮޅު ފިލްމު ނިންމާލަން ހިފުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެވޭތީ މިގޮތަށް ނިންމީ ކަމަށް ޑައިރެކްޓަރު ބުނެފައިވެއެވެ. އެހެނީ ދާދި ފަހުން ރިލީޒްކުރި 02 ފިލްމު ކަމަށްވާ އާމިރު ޚާންގެ "ލާލް ސިންގ ޗައްދާ"އާއި އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" ވެސް ދިޔައީ ބޮކްސް އޮފީހުގައި ވަރަށް ބޮޑަށް ފްލޮޕް ވެގެންނެވެ. 

""ސްކްރޫ ޑީލާ" ނުކުޅޭ ގޮތަކަށް އަދި ނުނިންމަން... އަޅުގަނޑުމެން އުންމީދު މިކުރަނީ ބޮކްސް އޮފީހުގެ މާޙައުލު ވެސް ހަމަޔަކަށް އެޅުނީމަ، އަދި އަޅުގަނޑުމެންނަށް ވެސް އެންމެ ފުރިހަމަޔަށް މިކަން ކުރެވޭ ވަރު ވީމަ މިފިލްމުގެ މަސައްކަތައިގެން އުޅެން". ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ. 

SCOOP Tiger Shroff-starrer Screw Dheela put on the backburner due to high budget, unpredictable box office scenario, and average response to the announcement video

މިގޮތަށް ފަސްކުރަން ޖެހުނު ޝަޝާންކްގެ މިއީ ފުރަތަމަ ފިލްމެއް ނޫނެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ "ރަންބޫމީ" ވެސް އިޢުލާންކޮށްފައެވެ. ނަމަވެސް އެފިލްމު ވެސް ވަނީ ނުކުޅޭ ގޮތަށް ނިންމާ ކެންސަލްކޮށްފައެވެ. ވަރުން ދަވަން އާއެކު ވަރުގަދަ ތްރިލަރ އަކަށް ހަދަން އުޅުނު މިފިލްމު ކެންސަލް ކުރަން ޖެހުން އެއީ ޝަޝާންކްއަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. 

އެންމެ ފަހުން ޝަޝާންކް ޑައިރެކްޓްކޮށްފައިވަނީ "ބޭދަޑަކް"އެވެ. މިފިލްމުގައި ގުރުފަތޭހް ޕިރްޒާއާއި ލަކްޝްޔާ ލަލްވާނީ ވެސް ފެނިގެންދާނެއެވެ. ފިލްމުގެ ޕޯސްޓަރުތަކެއް 2020 ވަނަ އަހަރުގެ މާރިޗު މަހު ވަނީ ބެލުންތެރިންނަށް ދައްކާލައިފައެވެ. އަދި "ބޭދަޑަކް" ރިލީޒްކުރާނެ ކަމަށް ބުނަމުން އަންނަނީ 2023ގައެވެ.