އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބޯންމައުތު 3-0 އިން ބަލިކޮށް އާސެނަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވި މެޗުގައި ޖެހި ލަނޑާއެކު ހެރީ ކޭން ރެކޯޑެއް ގާއިމްކޮށްފިއެވެ.
މިއީ ފާއިތުވި 18 އަހަރު ތެރޭގައި ލީގުގެ ފުރަތަމަ ތިން މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.
މިރޭގެ ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ޓޮޓެންހަމް އޮތްއިރު، ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ މާދަމާ ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްގެން އަލުން އެއްވަނަ އަށް އެރޭނެ އެވެ.
ބޯންމައުތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ބޯންމައުތުގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ގެބްރިއެލް މާޓިނެއްލީ އަށް ދިން ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ބޯންމައުތުގެ ގޯލްކީޕަރު މާކް ޓްރެވާސް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ އޮޑެގާޑަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ހަ މިނެޓުފަހުން، އާސެނަލްގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް އޮޑެގާޑް އެވެ. މިއީ އަރިމަތިން ބެން ވައިޓް ދިން ބޯޅައެއް ޖެސޫސް ފައިގައި ޖެހިފައި އޮޑެގާޑަށް ލިބުމުން ވަރަށް ހަމަޖެހިލާފައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
އާސެނަލުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ. މިއީ އެ ޓީމުގެ ސްވިޒަލެންޑް މިޑްފީލްޑަރު ގްރޭނިޓް ޒާކާ ދިން ޕާހަކުން ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ސަލީބާ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ޖެސޫސް ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޭން އެވެ. އެ ޓީމުގެ އިވާން ޕެރިސިޗް ދިން ބޯޅައަކުން ކޭން މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް އޭނާ ޖަހައިދިން 185 ވަނަ ގޯލެވެ.
މި ގޯލާއެކު ކޭން ވަނީ ޕްރިމިއާ ލީގުގައި އެއް ކްލަބަކަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރީން މި ރެކޯޑް އޮތީ 184 ލަނޑުޖަހައިގެން ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަތުގައެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. އެވަޓަންގެ ދަނޑުގައި އަލަށް ޕްރޮމޯޓުވީ ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވިއިރު، ފުލަމް ވަނީ 3-2 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. ސައުތެމްޓަނުން ރަށުން ބޭރުގައި ލެސްޓާ ސިޓީ ބަލިކުރީ 2-1 އިންނެވެ.
