ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އާ ސީޒަނުގައި ލީގުގައި ކުޅުނު ދެވަނަ މެޗުގައި 4-1 އިން ސެލްޓާ ވިގޯ ބަލިކޮށްފިއެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި ރެއާލް މޮޅުވި ތިންވަނަ މެޗެވެ. އެ ޓީމުން ލީގުގައި ކުޅުނު ދެ މެޗާއި ޔުއެފާ ސުޕަ ކަޕް ފައިނަލް މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
މި ނަތީޖާއާއެކު ރެއާލް އުޅެނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެއްވަނައިގައެވެ. ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާ ރެއާލް ބެޓިސް އާއި ރެއާލްގެ ފައިދާ ގޯލް ވެސް އެއްވަރެވެ. ތިންވަނައިގައި އޮތް އޮސަސޫނާ އަށް ވެސް ހަ ޕޮއިންޓް ލިބިފައިވެއެވެ. އެކަމަކު، ރެއާލް އާއި ބެޓިސް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ރެއާލުން މިރޭގެ މެޗަށް ނިކުތީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އެއީ، 70 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވުމުންނެވެ.
ސެލްޓާގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ލީޑްނަގައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސެލްޓާގެ ކުޅުންތެރިއަކުގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސެލްޓާ އިން އެއްވަރުކުރީ ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ކުޅުންތެރިއަކުގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިއާގޯ އަސްޕާސް އެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އަސްޕާސް ޖެހި ދެވަނަ ލަނޑެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ޕެނަލްޓީއޭރިޔާ ބޭރުން ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ވައްދާލި ހިތްގައިމު ލަނޑާއެކު ރެއާލުން ހާފު ނިންމާލީ 2-1 އިން ކުރީގަ އޮވެގެންނެވެ. މިއީ އެ ޓީމުގެ އޮސްޓްރިއާ ޑިފެންޑަރު ޑޭވިޑް އަލަބާ ދިން ޕާހަކުން ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން މޮޑްރިޗް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑުޖަހައިދިނީ ބްރެޒިލްގެ ވިންގާ ވިނީޝަސް ޖޫނިއާ އެވެ. މިއީ މޮޑްރިޗް ދިން ތުރޫ ޕާހަކުން ލިބުނު ބޯޅައެއް ސެލްޓާގެ ކީޕަރު އަގެސްޓިން މާޗެސިން ކައިރިން ނައްޓާލުމަށްފަހު ވިނީޝަސް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ރެއާލްގެ ހަތަރުވަނަ ލަނޑު، 66 ވަނަ މިނެޓުގައި ވިނީޝަސް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ. އަދި އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ކެޕްޓަން ބެންޒެމާ އަށް ސެލްޓާގެ ކެޕްޓަން ހޫގޯ މަލޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެ ޓީމުގެ ބެލްޖިއަމް ވިންގާ އެޑެން ހަޒާޑް ފޮނުވާލުމުން ކީޕަރު މާޗެސިން މަތަކުރިއެވެ.
