ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު މިފަހަކަށް އައިސް ކުޅޭ ކޮންމެ ފިލްމެެއް ހެން ފްލޮޕްވެ ފެއިލްވެގެން ދިޔުމަކީ އޭނާގެ މައްސަލައެއް ކަމަށާއި ބަދަލުގެންނަށްޖެހޭ ކަމަށް އޭނާ ބުނެފިއެވެ. އެގޮތުން ދާދިފަހުން ރިލީޒްކުރި "ރަކްޝާ ބަންދަން" އެއީ އޭނާގެ ތިންވަނަ ފްލޮޕެވެ. އެހެނީ އޭގެ ކުރިން ދެން ނެރުނު "ސަމްރަތު ޕްރިތުވިރާޖް" އާއި "ބައްޗަން ޕާންޑޭ" ވެސް ވަނީ ބޮޑުތަނުން ފެއިލްވެފައެވެ.
އަކްޝޭ މިކަމާ މެދު ވާހަކަ ދައްކައިފައިވަނީ އޭނާގެ ދެން އޮތް ފިލްމު "ކަޓްޕުޓްލީ"ގެ ޓްރެއިލަރ ލޯންޗުކުރި އިވެންޓުގައެވެ.
.@akshaykumar admits it is his "fault" if his films are not working and he needs to "make the changes, and understand what the audience wants." #AkshayKumar #Cuttputlli #CuttputlliTrailer pic.twitter.com/uTqo0PdTK3
— Indian Express Entertainment ? (@ieEntertainment) August 20, 2022
"އަހަރެންގެ ފިލްމުތަކުން އެންމެ އެދެވޭ ނަތީޖާއެއް ނުފެންނަންޏާ، އެއީ އަހަރެންގެ މައްސަލައެއް! އަހަރެން އެބަޖެހޭ ބަދަލުތަކެއް ގެންނަން! އޯޑިއަންސް ބޭނުންވާ ގޮތް އަހަރެން އެބަޖެހޭ ދެނެގަންނަން! އަދި އަހަރެން ދެނެގަންނަން އެބަޖެހޭ އަހަރެން ކުޅެންވީ ކޮން ކަހަލަ ފިލްމެެއް ކަން! މިއިން އެއްވެސް ފިލްމެއް ފްލޮޕްވީ އަނަރެންގެ މައްސަލައަކުން ކަމަކަށް އެއްވެސް އެހެން މީހަކު ނުބުނޭ، އެކަމަކު އަހަރެން ޤަބޫލުކުރަނީ އެއީ އަހަރެންގެ މައްސަލައެއް ކަމަށް" އަކްޝޭ ބުންޏެވެ.
ބައެއް އެކްޓަރުން މިހާރަކަށް އައިސް ބޮކްސް އޮފީހުގައި ނާކާމިޔާބުވާން ފެށުމުން އޯޓީޓީީ ޕްރޮޖެކްޓުތައް ނަގާ ކަމަށް ބުނެ މިކަމަށް އަކްޝޭ ތާޢީދުކުރަންތޯ ސުވާލުކުރުމުން އޭނާ ބުނީ އެއީ އެއްވެސް ތަފާތެއް އަންނާނެ ކަމެއް ނޫން ކަމަށެވެ. އެއީ އޯޓީޓީ މެދުވެރިކޮށް ފިލްމު ރިލީޒްކުރިޔަސް، އެ ބަލަން އޯޑިއަންސެއް އޮންނާނެ ކަމަށާއި މީޑިއާތަކަށް ވެސް ފެންނާނެ ކަމަށާއި އެބަޔަކު އެފިލްމަކަށް ފީޑްބެކް ދޭނެކަމަށާއި، އެކަންކަމުން ކާމިޔާބު ހޯދުމަށް ހަމަ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވާތީއެވެ.
"ކޯވިޑް-19ގެ ޕެންޑަމިކް ތެރޭގައި ފިލްމުތަކެއް ކުޅެވުނު. އޭގެ ތެރެއިން ބައެއް ފިލްމު ރިލީޒް ވެސް ކުރެވުނު. ނަމަވެސް ސިނަމާތައް ބަންދުކުރުމުންނާ ލޮކްޑައުނާ ކުރިމަތިލާން ޖެހުމުން ގިނައީ ރިލީޒްނުކުރެވި ހުރި ފިލްމުތައް! ފިލްމުތައް ދިޔައީ ފުނިޖެހެމުން. އަހަރެންގެ 4 ފިލްމެއް ވަނީ ނިމިފައި، ނަމަވެސް ނިމިދިޔަ 2 އަހަރު ތެރޭގައި ވެސް ރިލީޒްނުކުރެވިހުރީ!" އިތުރަށް ވާހަކަދައްކަމުން އަކްޝޭ ބުނެފައިވެއެވެ.
އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑިޒްނީގެ "ކަޓްޕުތްލީ"އިންނެވެ. ރަންޖީތު ތިވާރީ ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމު ސެޕްޓެމްބަރު 2 ގައި ޑިޒްނީ ހޮޓްސްޓަރ މެދުވެރިކޮށް ސްޓްރީމްކުރަން ހަމަޖެހިފައިވާއިރު މިފިލްމުގައި އަކްޝޭގެ އިތުރުން ރަކުލް ޕްރީތު ސިންގ އާއި ސަރްގުން މެހްތާ ވެސް ފެނިގެންދާނެއެވެ.
