ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގައި އިންޓަނެޓްގެ ޚިދުމަތް ހިލޭ ފޯރުކޮށްދީ، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު 4 ކްލާސްރޫމް ގައި ގާއިމުކޮށްދީފިއެވެ. 

މީގެ ކުރިންވެސް ދިރާގުން އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓަރ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ. 
ކޮވިޑް19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބްގެ އިތުރުން ކްލާސް ރޫމް ތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ވަނީ ބޭނުންވެފައިއެވެ.

99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް 7 އާ ހަމައަށް މިހާރުވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ޚާއްސަ ހަރަކާތްތަކުގައިވެސް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ. 

މިކަމާ ގުޅިގެން ފިޔަވަތީގެ ސީ. އީ. އޯ ޒީނާ ގާސިމް ވިދާޅުވީ، "ކޮވިޑް 19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި، އެއްވެސް ޚަރަދަކާއިނުލާ  އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެއްވަމުންގެންދަވާތީ، ދިރާގުގެ ފަރާތުން ތިޔަ ވެދެއްވަމުންދާ ނިޔަނެތި އެހީއަށް ފިޔަވަތީގެ އެންމެހާ ކުދިންނާއި މެނޭޖްމެންޓް ނަމުގައި ޝުކުރު ދަންނަވަން. އަދި މިފުރުޞަތުގައި މިނޫން އެހެން ދަނޑިވަޅުތަކުގައިވެސް ދިރާގުން ފިޔަވައްޗަށް ބަހައްޓަވާ ގަތްކަމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވަން"  
 
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރު ތަކުގައިވެސް ވަނީ ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.