ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާއަށް އިއްޔެ ތުއްތު ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ. ސޯނަމް ފުރަތަމަ ފަހަރަށް ބަލިވެ އިނުމުގެ ޚަބަރު އިއުލާންކުރި ދުވަހުން ފެށިގެން އެދެމަފިރިން ވެސް އަދި އާއިލާއިންވެސް ދިޔައީ މި ދަރިފުޅަށް ވަރަށް އިންތިޒާރު ކުރަމުންނެވެ. ސޯނަމްގެ ޕްރެގްނެންސީގެ އެކި ހިސާބުން އޭނާ ދިޔައީ ފޭނުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އަޕްޑޭޓްތައް ދެމުންނެވެ. ފިރިމީހާ އާނަންދާއެކު ބެބީމޫނަށް ދިއުމުން ފެށިގެން ޕްރެގްނެންސީ ފެޝަން ދައްކާލުމާ ހަމައަށް އޭނާ ވަނީ ސަޕޯޓަރުންނާ ވަރަށް ގިނަ ކަންކަން ޝެއަރކޮށްފައެވެ. މިހާރު ފޭނުން ތިބީ ސޯނަމްއާއި އާނަންދުގެ އަލަތު ދަރިފުޅު ދައްކާލނެ އިރެއްގެ އިންތިޒާރުގައެވެ.

ސޯނަމް ތުއްތު ފިރިހެން ކުއްޖަކު ވިހޭ ޚަބަރު ފުރަތަމަ ލިބުނީ އެކްޓްރެސް ނީތޫ ކަޕޫރްގެ އިންސްޓަގްރާމް ޕޯސްޓަކުންނެވެ. ނީތޫގެ ޕޯސްޓްގަ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރަށާ މަންމަ ސުނީތާ ކަޕޫރަށްވެސް މަރުހަބާކިޔާފަވެއެވެ.

ސޯނަމް ބަލިވެ އިންކަން އިއުލާންކޮށްފައި ވަނީ މިދިޔަ މާޗް މަހު ސޯޝަލް މީޑިއާ­­­­ ޕޯސްޓަކުންނެވެ.

ވޯކް ފްރަންޓަށް ބަލާއިރު ސޯނަމް ކަޕޫރު ވަނީ ރިއަލް ލައިފް ސޯނަމްގެ ރޯލު އަދާކުރި އޭކޭ ވަރސަސް  އޭކޭ ރިލީޒް ކުރުމަށް ފަހު ފިލްމީ މަސައްކަތައް މެދުކަނޑާލާފައެވެ. ދަ ޒޯޔާ ފެކްޓަރ އިންވެސް ފެނިގެންދިޔަ ސޯނަމް ދެން ބެލުންތެރިންނަށް ފެންނަން ހަމަޖެހިފައިވަނީ އޯޓީޓީއަށް އަންނަން ތައްޔާރުވަމުން އަންނަ ކްރައިމް ތްރިލަރ ފިލްމު 'ބްލައިންޑް' އިންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީގަ ޝޫޓިން ނިމިފައިވާ ފިލްމެކެވެ.