ޖެނިފަރ ލޯޕޭޒް އާއި ބެން އެފްލެކް މި ފަހަރު ރަސްމީކޮށް ކައިވެނި މިކުރީ، ދެމީހުންގެވެސް އާއިލާ މެމްބަރުންގެ އިތުރުން ރައްޓެހިންނާއި ދެމީހުންނާވެސް ގާތް މަޝްހޫރު އެތައް ތަރިންނެއްގެ ހާޒިރުގައި، އެމެރިކާގެ ޖޯރޖިއާގަ ހުންނަ ބެން އެފްލެކްގެ ގޭގައެވެ. ކައިވެނިކޮށްދިނީ ސެލެބްރިޓީ ލައިފް ކޯޗް ޖޭ ޝެޓީއެވެ.

އިއްޔެ މި ދެތަރިން ކައިވެނި ކުރިއިރު، 3 ދުވަސް ކުރިން ވަނީ ކައިވެނީގެ ސެލެބްރޭޝަންތައް ފަށާފައެވެ. ކައިވެނީގެ ހަފްލާގައި ޖެނިފަރ ލޯޕޭޒް ލާފަވަނީ ޑިޒައިނަރ ރާލްފް ލޯރެން އިޓަލީގައި މި ހަފްލާއަށް އަދި ޖެނިފަރއަށް ޚާއްސަކޮށް ތައްޔާރުކުރި ހެދުމެކެވެ.

މިހާރު އުމުރުން 53 އަހަރުގެ ޖެނިފަރ އާއި 50 އަހަރުގެ ބެން ވަނީ މީގެ ކުރިން 2002 ވަނަ އަހަރުން 2004 ވަނަ އަހަރަށް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

އޭގެ އެތައް އަހަރެއްފަހުން މި ދެމީހުން އަލުން ރައްޓެހިވެފަވަނީ މިދިޔަ އަހަރުގައެވެ.

މިއަހަރުގެ ޖުލައި 16 ވަނަ ދުވަހު ދެމީހުން ކުއްލިއަކަށް، އެކަނިމާ އެކަނި، ވޭގަސްގަ ކައިވެނި ކުރުމަށްފަހު ވަނީ ހަނީމޫނަށް ޕެރިސްއަށްވެސް ގޮސްފައެވެ.