އައްބާސް ބުރްމާވާލާއާއި މުސްތާން ބުރްމާވާލާ ޑައިރެކްޓްކޮށް 2004 ވަނަ އަހަރުގެ އޯގަސްޓް 06ގައި ރިލީޒްކުރި އެކްޝަން/ޑްރާމާ ފިލްމު "ޓާޒަން: ދަ ވޮންޑަރ ކަރ"އަކީ އެތައް ބަޔަކާއި ކުޑަކުދިންނެއްގެ މެދުގައި ވެސް ވަރަށް މަޤްބޫލް ފިލްމަކަށް ވެގެން ދިޔައެވެ.
މިއަހަރު 18 އަހަރު ފުރިފައިވާ މިފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ އާދަޔާޚިލާފު ކާރެއް، މީހެއްގެ މަރުގެ ބަދަލު ހިފާ މަންޒަރެވެ. ދާދި ފަހުން ދިވެހިރާއްޖޭގައި އުފަންދުވަސް ފާހަގަކުރުމަށްފަހު އެނބުރި ޤައުމަށް ގޮސްފައިވާ، ފިލްމުގެ މައިގަނޑު އެއް ކެރެކްޓަރގެ ރޯލު ކުޅުނު ވަޓްސަލް ޝޭތު (ރާޖް ޗޯދަރީ) ވަނީ ފިލްމާ ބެހޭ ގޮތުން އެތައް ހަނދާންތަކެއްގެ ވާހަކަ ޙިއްސާކޮށްފައެވެ.

"ޓާޒަން: ދަ ވޮންޑަރ ކަރ"އަކީ ވަޓްސަލް ޝޭތުގެ އެންމެ ފުރަތަމަ ފިލްމު! އޭނާއަށް މިފުރުޞަޠު ލިބުނީ ކިހިނެއް؟
"އައްބާސްއާއި މުސްތާންއާ އަހަރެން އެއްދުވަހަކު ދިމާވިއިރު އެދެމީހުން އުޅެނީ ފިލްމެއްގެ މައި ރޯލު ކުޅެދޭނެ މީހަކު ހޯދުމުގެ މަސައްކަތުގައި! އެހެންކަމުން އަހަރެން ވެސް އެމީހުންގެ އެ މަސައްކަތުގައި ބައިވެރިވެ ކުޑަކޮށް މަޢުލޫމާތު ސާފުކޮށްލާހަދަން ކުޑަ ބައްދަލުވެލުމެއް ބޭއްވިން! ޖެހިގެން އައި ދުވަހު އަހަރެންނަށް އައީ ފޯނު ކޯލެއް... ބުނީ (ޓާޒަން: ދަ ވޮންޑަރ ކަރ)ގެ ޕްރޮޖެކްޓް އަހަރެންނަށް ލިބިއްޖެ ކަމަށް. ހަމަ އެންމެ ބައްދަލުވެލުމަކަށްފަހު މިފުރުޞަޠު ލިބިގެން ދިޔައީ!" ވަޓްސަލް ބުނެފައިވެއެވެ.
"ޓާޒަން: ދަ ވޮންޑަރ ކަރ"އަކީ އާއިޝާ ޓާކިޔާގެ ވެސް ފުރަތަމަ ފިލްމުތަ؟
އާއެކެވެ. މިއީ އާއިޝާ ވެސް އަދި ވަޓްސަލް ވެސް ބޮލީވުޑަށް ތަޢާރުފުވި ފިލްމެވެ. އާއިޝާއަކީ ވަރަށް ފައްކާ އެކްޓްރެސްއެއް ކަމަށް ވަޓްސަލް ބުންޏެވެ. ފިލްމު ކުޅުނުއިރު ޚާއްޞަކޮށް ލޯބީގެ ނުވަތަ ރޮމޭންޓިކް މަންޒަރުތައް ނެގިއިރު އެއްވެސް ވަރަކަށް ޖެހިލުންވެ ލަދުގަތްތޯ ސުވާލުކުރުމުން ވަޓްސަލް ބުނީ އެއީ އޭނާގެ އެންމެ ފުރަތަމަ ފިލްމަށް ވެފައި ފުރަތަމަ ފަހަރަށް އެކަހަލަ މަންޒަރެއް ކުޅެން ޖެހުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވި ވާހަކައެވެ. ނަމަވެސް އެފަދަ ދަނޑިވަޅުތަކުގައި ފިލްމުގެ ޓީމުން ވެދިން އެހީތެރިކަން، ޚާއްޞަކޮށް އަމްރިޝް ޕޫރީގެ އެހީތެރިކަން އޭނާ ފާހަގަކުރެއެވެ.

"ޓާޒަން: ދަ ވޮންޑަރ ކަރ"ގެ ދެވަނަ ބައެއް ނުކުމެދާނެތަ؟
މިސުވާލު ކުރުމުން ޖަވާބުގައި ވަޓްސަލް ބުނެފައިވަނީ "ތި ސުވާލަށް ދޭނެ ޖަވާބެއް ނޭނގެ. ތިސުވާލު ކުރުން އެންމެ ރަނގަޅުވާނީ ފިލްމުގެ ޑައިރެކްޓަރާ ނޫނީ ޕްރޮޑިއުސަރާ! ކޮންމެއަކަސް ދެވަނަ ބައެއް ނެރޭނަމަ އޭގެން ފުރުޞަޠެއް ލިބުން އެއީ ވަރަށް އުފާވާނެ ކަމެއް!"
ވަޓްސަލްގެ ބައްޕަގެ ރޯލުން އަޖޭ ދޭވްގަން ފެނިގެންދާ މިފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ޓީވީއިން ގެނެސްދިން އެންމެ މޮޅު ފިލްމުތަކުގެ ތެރޭގެ އެއްވަނައިގައި މިފިލްމު އޮތް އިރު މިހާރުވެސް އެތައް ކުޑަކުދިންނެއް ވެސް ދަނީ މިފިލްމުގެ ޖާދޫގައި ޖެހެމުންނެވެ.
