ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް)ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ތީރު" ހަމަޖައްސައިފިއެވެ.
ގާޑްން ރެސްޓޯރަންޓްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި، ޕާޓްނާޝިޕް އެއްބަސްވުމުގައި ކެރަމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް އަލީ ނަދީމް (ނަޑޭ) އެވެ. "ތީރު" ގެ ފަރާތުން ސޮއިކުރީ ޗީފް ޓެކްނިކަލް އޮފިސަރު މުހައްމަދު އައިމަން އަހުމަދު އެވެ.
މި އެއްބަސްވުމުގެ ތެރެއިން ސީއޭއެމްގެ ފަރާތުން ބާއްވާ މުބާރާތްތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދިނުމާއި ކެރަމް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި އިސްކޮށް "ތީރު" އިން ހަރަކާތްތެރިވާނެ އެވެ.
ސީއޭއެމްގެ ނައިބު ރައީސް ނަދީމް ވިދާޅުވީ، "ތީރު" މީޑިއާ އަކީ ކެރަމް އެސޯސިއޭޝަނާ ވަރަށް ގާތުން މަސައްކަތްކުރާ މީޑިއާއެއް ކަމަށެވެ.
"ކެރަމް އެސޯސިއޭޝަނުގެ އެންމެހާ އަޕްޑޭޓްތައް ފުރިހަމައަށް ގެނެސްދިނުމުގައި ތީރުގެ ފަރާތުން މިހާތަނަށް ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރަން،" ނަދީމް ވިދާޅުވިއެވެ.
ނަދީމް ވިދާޅުވީ، ސީއޭއެމްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ތީރު" ހަމަޖެއްސީ އެ މީޑިއާ އިން ތަފާތު ކުރުމެއް ނެތި ކެރަމް އެސޯސިއޭޝަނުގެ އެންމެހާ ހަބަރުތައް ގެނެސްދެމުންއައިސްފައިވުމުން ކަމަށެވެ.
"ރާއްޖޭގެ ކެރަމް މިހާރު އޮތް ހިސާބުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި ޕާޓްނަރުންގެ ހިއްސާ އޮންނާނެ،" ނަދީމް ވިދާޅުވިއެވެ.
އަންނަ އޮކްޓޫބަރު މަހުގެ 3-7 އަށް މެލޭޝިއާގައި ކުރިއަށްދާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކެރަމް ގައުމީ ޓީމާއި ގުޅުންހުރި ފަހުގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވާނީ "ތީރު" މީޑިއާ އިންނެވެ.
