އަންނަ އޮކްޓޫބަރު މަހުގެ 3-7 އަށް މެލޭޝިއާގައި ކުރިއަށްގެންދާ 8 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކެރަމް ގައުމީ ޓީމު އެކުލަވާލައިފިއެވެ.

ގަލޮޅު ދަނޑުގައި ހުންނަ ގައުމީ ކެރަމް ހޯލްގައި މި މަހުގެ 18-21 އަށް ކުރިއަށްދިޔަ މުބާރާތުގައި އެންމެ ފަހުން އެކުލަވާލި ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންގެ އިތުރުން މިއަހަރު މިހާތަނަށް ބޭއްވުނު އެކި މުބާރާތްތަކުގައި ފާހަގަކޮށްލެވުނު ކުޅުންތެރިން ފެނިގެންގޮސްފައިވެއެވެ.

އެގޮތުން، މި މުބާރާތުގައި ކުޅެވުނު މެޗުތަކަށްފަހު ގައުމީ ކެރަމް ޓީމަށް އަންހެން އަދި ފިރިހެން ޖިންސް ހިމެނޭ ގޮތަށް ޖުމްލަ 10 ކުޅުންތެރިން ވަނީ ނަގާފައެވެ.

ގައުމީ ފިރިހެން ޓީމުގައި ހިމެނެނީ؛ އާދަމް އަދީލް، މުޙައްމަދު މުންތަސިރު، އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާން އަދި ޔަމާން އަބްދުލް ޖަލީލް އެވެ. އަދި ގައުމީ އަންހެން ޓީމުގައި ހިމެނެނީ؛ އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް، އާމިނަތު ވިޝާމާ އާއި އައިޝަތު ނަހުފާ އަދި ފާތިމަތު ރަޔާނާ އެވެ.

ސިލެކްޝަން މުބާރާތުގައި އިބްރާހިމް ހުޖާން (ކ) އާ ދެކޮޅަށް ޔަމާން އަބްދުލް ޖަލީލް (ވ) ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ތީރު މީޑިއާ

އެންމެ ފަހުގެ ގައުމީ މުބާރާތުގަ އާއި އެސޯސިއޭޝަން ކަޕްގައި މޮޅު ކުޅުމެއްދެއްކި ނަހުފާ މިއީ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި ފެނިގެންދިޔަ އާމިނަތު ޝުބާ އަށް މި ފަހަރުގެ ގައުމީ ޓީމުން ޖާގަ ގެއްލުނީ ރޭ ރަޔާނާއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗަށްފަހު އެވެ. އެ މެޗު ރަޔާނާ ކާމިޔާބުކުރި ތިން ސެޓު ކުޅެގެންނެވެ. މީގެއިތުރުން، މިއީ ޔަމާން ވެސް ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރީން ގައުމީ ކެރަމް ޓީމުން ކޭމްޕް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.

އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދާދިފަހުން ކެރަމް އެސޯސިއޭޝަނުން ވަނީ ޅ. ހިންނަވަރަށް 7 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގައި ގޮސްފައެވެ. މި ޓްރެއިނިން ކޭމްޕްގައި ގައުމީ ކެރަމް ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނިގެންދިޔައީ 2012 ވަނަ އަހަރުގެ ދުނިޔޭގެ ކެރަމް ޗެމްޕިއަން ސްރީ ލަންކާގެ ނިޝާންތަ ފެނާންޑޯ އެވެ.