ދަ ކަޕިލް ޝަރްމާ ޝޯގެ އާ ސީޒަންގެ ޝޫޓިން ފަށައިފިއެވެ. ކަޕިލްވަނީ އިއްޔެގެ ވަގުތުއްގައި ޝޫޓިންތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގަ ޕޯސްޓްކޮށްފައެވެ. ފޮޓޯއިން ކަޕިލްއާއި އެކު ފެންނަނީ އެކްޓަރ އަކްޝޭ ކުމާރެވެ. އަކްޝޭ ޝޯގެ ސެޓަށް ދިޔައީ ޝޯގެ އާ ސީޒަންގެ ފުރަތަމަ އެޕިސޯޑްގަ އޭނާގެ ކުރިއަށް އޮތް ފިލްމް 'ކަޓްޕުތްލީ' ޕްރޮމޯޓްކުރުމަށެވެ. 'ކަޓްޕުތްލީ' ރިލީޒްކުރާނީ ސެޕްޓެމްބަރު 2 ވަނަ ދުވަހު ޑިޒްނީ+ހޮޓްސްޓާރ އިންނެވެ.

ކަޕިލް ޝަރްމާ ޝޯއަށް މިފަހުން ވަނީ ބައެއް ބަދަލުތައް އައިސްފައެވެ. އެގޮތުން، 'ސަޕްނާ'ގެ ކެރެކްޓަރއިން ފެންނަމުންދިޔަ ކްރުޝްނާ އަބީޝޭކް ވަނީ އާ ސީޒަނުގައި ބައިވެރި ނުވާން ނިންމާފައެވެ. ކްރުޝްނާއާއި ޝޯގެ ޕްރޮޑިއުސަރުންނާ ދެމެދު އެއްބަސްވުމަކާ ހަމަޔަށް ނާދެވުނީކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ކޮމީޑިއަން ބާރްތީ ސިންގްވެސް އާ ސީޒަނުން ފެނިގެންދާނީ މަދު އެޕިސޯޑްތަކަކުން ކަމަށްވެއެވެ. ބާރްތީ އަންނަނީ 'ސާރޭގާމާ ލިލް ޗެމްޕްސް'ގެ 9 ވަނަ ސީޒަންގެ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެހެންކަމުން ކަޕިލް ޝަރްމާ ޝޯއަށް ގަވާއިދުން އަރަން އޭނާޔަށް ވަގުތު ދެވެން ނެތީކަމަށް ބާރްތީ ބުނެފައިވެއެވެ.