އެންގޭޖްވިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު، ސާރާ ހައިލެންޑާއި ވެލްސް އެޑަމްސް ކެލިފޯނިއާގަ ކައިވެނިކޮށްފިއެވެ. އުމުރުން 31 އަހަރުގެ ބަތަލާ އާއި 'ދަ ބެޗޮލަރެޓް'ގެ އެލަމް، އުމުރުން 38 އަހަރުގެ ވެލްސް، ފާއިތުވީ ހަފްތާ ބަންދުގައި ކައިވެނި މިކުރީ އެމީހުންގެ ކައިވެނި، ކުރިން ދެ ފަހަރެއްގެ މަތިން ފަސްކުރުމަށްފަހުއެވެ.
ސާރާއާއެކު 'މޮޑަރން ފެމިލީ' ސީރީޒްގަ މަސައްކަތްކުރި ބައެއް ކޯ-ސްޓާރުން އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވިއެވެ. އޭގެތެރޭގައި ސޯފިއާ ވެރްގާރާ، ޖެސީ ޓައިލަރ ފަރގަސަން، ޖޫލީ ބޮވެން އަދި ނޯލަން ގޯލްޑްވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް ބައިވެރިވި މި ކައިވެނީގެ ހަފްލާގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އެކި ތަރިންވަނީ ސޯޝަލް މީޑިއާގަ ޕޯސްޓްކޮށްފައެވެ.
އެގޮތުން 'މޮޑަރން ފެމިލީ'ގައި ގްލޯރިއާގެ ރޯލު އަދާކުރި ސޯފިއާ ވެރްގާރާވެސް ސާރާގެ ވެޑިން ތެރެއިން، ދަރިފުޅު މަނޯލޯ ގޮންޒާލޭސް އާއެކީ ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައިވެއެވެ.
ސާރާ އާއި ވެލްސް ލޯބީގެގޮތުން ގުޅުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށްވެއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2017 ވަނަ އަހަރު ހާމަކުރުމަށްފަހު އެންގޭޖްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ސާރާ އާއި އެޑަމްސްގެ ކައިވެނި، ދެފަހަރެއްގެ މަތިން ފަސްކުރީ ކޮވިޑް-19 ޕެންޑެމިކާ ގުޅިގެންނެވެ.
