ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ޢަބްދުލްޣައްފާރު ނަދިއަދުވާލާ މިއަދު ހެނދުނުގެ ވަޤުތެއްގައި މަރުވެއްޖެއެވެ. ޢުމުރުން 91 އަހަރުގައި އަބްދުލްޣައްފާރު މަރުވެފައިވަނީ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޢަބްދުލްޣައްފާރު އޭނާގެ ކެރިއަރު ފެށީ 1953 ވަނަ އަހަރެވެ. އޭނާ ޖުމްލަ 50އަށް ވުރެ ގިނަ ފިލްމު ޕްރޮޑިއުސްކޮށްފައިވާއިރު ކެރިއަރަށް 69 އަހަރު މިވަނީ ވެފައެވެ. އޭނާ ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި 'މަހާބާރަތު' (1965) އާއި 'ހޭރާ ފޭރީ' (2000) އަދި 'ވެލްކަމް' (2007)ގެ އިތުރުން 'އާވާރާ ޕާގަލް ދީވާނާ' (2002) ހިމެނެއެވެ. 

ޢަބްދުލްޣައްފާރުގެ ބައްޕައަކީ ވެސް ފިލްމު ޕްރޮޑިއުސަރެކެވެ. ނަދިއަދުވާލާ ޢާއިލާއަކީ ފިލްމީ ދާއިރާއާ ވަރަށް ގާތް ޢާއިލާއެކެވެ. އެގޮތުން މިހާރު ވެސް ބޮލީވުޑްގައި އެންމެ މަޝްހޫރު އެއް ޕްރޮޑިއުސަރު ކަމަށްވާ ސާޖިދު ނަދިއަދުވާލާއަކީ ވެސް މިޢާއިލާއަށް ނިސްބަތްވާ މީހެކެވެ.