އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑްގެ އައު ކޯޗު އެރިކް ޓެން ހާގް އާއެކު އެ ޓީމުން ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުން ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އެ ފަހަރު އެ ޓީމު ބަލިވީ ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން 1-0 އިންނެވެ. އަނެއްކޮޅުން، މިރޭގެ މެޗަކީ މިފަހަރުގެ ސީޒަނުގައި ލީގުގައި ލިވަޕޫލަށް މޮޅެއް ނުލިބި ނިންމާލަންޖެހުނު ތިންވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ފުލަމްއާ 2-2 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭގެ ނަތީޖާއާއެކު ޔުނައިޓެޑް ވަނީ ލިވަޕޫލަށް ވުރެ ތާވަލްގެ ކުރިއަށް ޖެހިލާފައެވެ. އެ ޓީމުން ލީގުގެ ފުރަތަމަ ދެ މެޗުގައި ބްރައިޓަން އާއި ބްރެންޓްފޯޑް އަތުން ބަލިވުމާއެކު އޮތީ އެންމެ ފުލުގައެވެ. ޔުނައިޓެޑަށް ކުޅުނު 3 މެޗުން ލިބުނު 3 ޕޮއިންޓާއެކު އޮތީ 14 ވަނައިގައެވެ. ލިވަޕޫލް އޮތީ ދެ ޕޮއިންޓާއެކު 16 ވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އާސެނަލަށް ތިން މެޗުން ސައްތައިން ސައްތައިގެ ރެކޯޑެއް ވަނީ ދަމަހައްޓާފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ލީޑްސް ޔުނައިޓެޑްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ އަދި ބްރައިޓަން އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ހެރީ މެގުއާ ފެށީ ބެންޗުންނެވެ. ލިވަޕޫލުން މެޗަށް ނިކުތީ ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކާ ނުލައެވެ. މީގެއިތުރުން، އެ ޓީމުގެ އިތުބާރު ޑިފެންސިވް މިޑްފީލްޑަރު ފަބީނިއޯ ރޭގެ މެޗު ފެށީ ބެންޗުންނެވެ.

އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ކުރީން ލީޑް ނެގީ ވެސް ޔުނައިޓެޑުންނެވެ. އެންތަނީ އެލަންގާ ދިން ބޯޅައަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ވަރަށް ހަމަޖެހިލައިގެން ހުރެ މި ލަނޑުޖެހީ ޖޭޑަން ސަންޗޯ އެވެ. ކްރިސްޓިއަން އެރިކްސަން ދިން ޕާހަކުން އެލަންގާ ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، ޔުނައިޓެޑަށް ލީޑްނަގައިދޭން އެލަންގާ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން އެލަންގާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިފައިނުވާއިރު، ފެނާންޑޭސް ދިފާއުކުރަން ޖައްސާލި ބޯޅައެއް ގޯލަށް ނުވަނީ ހަމަކިރިޔާ އެވެ. ގޯލްގެ ރޮނގުމަތިން މި ބޯޅަ ސަލާމަތްކުރީ ލިސަންދްރޯ މާޓިނޭޒް އެވެ.

ދެވަނަ ހާފަށް އެލަންގާގެ ބަދަލުގައި އެންތަނީ މާޝިއަލް ކުޅެން އެރިއިރު، ލިވަޕޫލުން ބަދަލެއް ގެނެސްފައެއްނުވެއެވެ. އޭގެނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ލިވަޕޫލްގެ މެދުތެރޭގައި އެންމެ ރަނގަޅަށް ބޯޅަ ހިފެހެއްޓިފައެއްނުވެއެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑު، 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ މާޝިއަލް ދިން ބޯޅައަކުން ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ.

އޭގެ މިނެޓެއްފަހުން، ލިވަޕޫލްގެ ޖޭމްސް މިލްނާ ދިން ބޯޅައަކުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފަބިއޯ ކަވާލިއޯ ފޮނުވާލި ބޯޅައެއް ޑެ ހެއާގެ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސަލާހު އަށް ލިބުމުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ޔުނައިޓެޑް ކޮޅަށް ސަލާހު ޖެހި 10 ވަނަ ގޯލެވެ. ލީގުގައި ޔުނައިޓެޑާ ދެކޮޅަށް އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮތީ ވެސް ސަލާހު އަތުގައެވެ.