ފޮތް ކިޔުމަކީ ރަނގަޅު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އިރުއަރާ އޮށްސޭ ކޮންމެ ދުވަހަކީ ކޮންމެވެސް އެއްޗެއް ކިޔާލެވޭ ދުވަހަކަށް ހެދުން ވަރަށްވެސް މުހިންމެވެ. ފޮތް ކިޔުމަކީ އޭގެ ސަބަބުން އިންސާނާގެ ސިކުނޑި ތަނަވަސްވެ، ހުޅުވި، އިތުރައް ވިސނުމުގެ ފުރުސަތު ލިބިދޭ ކަމެކެވެ. ނަމަވެސް ފޮތް ކިޔުމުގައިވެސް ގެއްލުންތަކެއް އެބަ ވެއެވެ. އެއީ ފޫ ނުބެއްދޭ ބޮޑު ގެއްލުމެކެވެ. އެއީ މީހާގެ އަގީދާއަށް އަންނަ ނުރަނގަޅު ބަދަލުތަކެކެވެ.
އާދޭހެވެ! މިދައްކަނީ ޖުމުލަކޮށް ފޮތްތަކުގެ ވާހަކައެއް ނޫނެވެ. ޣައިރު މުސްލިމުން ލިޔެފައި ހުންނަ ސިޔާސީ ފޮތްތަކާއި ގާނޫނާއި ގަވާއިދުގެ ފޮތްތަކާއި އިންސާފާ ހަމަހަމަ ކަމުގެ ފޮތްތަކާއި، ހައްގާއި ނުހައްގުގެ ވާހަކަތައް އެކުލެވޭ ފޮތްތަކާއި މިނިވަންކަމާއި އަޅުވެތިކަމުގެ ވާހަކަ ލިޔެފައިވާ ފޮތްތަކުގެ ވާހަކައެވެ. ޣައިރު މުސްލިމުން ލިޔެފައި ހުންނަ މިފަދަ ފޮތްތައް މާ ގިނައިން ކިޔާ އުޅޭނަމަ އަހަރެމެންގެ ސިކުނޑިތަކަށް ވެރިވަމުން ދާނީ މުޅިން އެހެން އަސަރު ތަކެކެވެ. އެ ފޮތްތަކުގައި ހުރީ މުޅިންވެސް ރަނގަޅު ވާހަކަތައް ކަމަށް ދެކި ގަބޫލު ކުރެވެން ފަށާނެއެވެ. އެއާއި އެކު އެ ފޮތްތަކުގެ އަޑި ނުބައި ފަލްސަފާތަކުގެ ދަލުގައި އިންސާނާ ރަނގަޅަށް ޖެހެންފަށައެވެ.
މިފަދައިން މިފަދަ ފޮތްތައް ކިޔާ، އެ ފޮތްތަކަށް ތައުރީފު ކުރާ މީހުންނަށް ޣައިރު މުސްލިމުން ވާގިވެރިވެއެވެ. އެއީ ފޮތް ކިޔުމުގެ ރީތި އާދައެވެ. އެނގުމާ ދެނެގަތުމުގެ ރީތި ސިފައެވެ. ނަމަވެސް ޣައިރު މުސްލިމުން، އަހަރެމެން މުސްލިމުންގެ ސިކުނޑިތަކާއި ކުޅެލަން، ރާވާ އަޑި ނުބައި އެއް ފަލްސަފާގައި އަަހަރެމެން ޖެހެނީ އިސްވެ މި ދެންނެވުނު ރީތި އާދައާއި ސިފައިގެ ތެރެއިންނެވެ. ޣައިރު މުސްލިމުން ލިޔެފައި ހުންނަ، އިސްވެ ބުނެވުނު ފަދަ ފޮތްތަކުގައި ހުންނަނީ އިސްލާމް ދީނާ ދުރު ވާހަކަތެކެކެވެ. ދީނުގެ ހުކުމެެއް، ގަވާއިދެއް، އަސްލެއް، ނައްސެއް އެ ފޮތް ތަކަކު ނުވެއެވެ. ނަމަވެސް ކީރިތި ޤުރުއާނަށްވުރެ ގިނައިން އެ ފޮތްތައް އަހަރެމެންނަށް ކިޔަވާ ހެދޭނަމަ އެ ފޮތްތަކުގެ އަޅުންނަށް އިންސާނާވެދެއެވެ. އަދި އެ ފޮތްތަކުގައި އެ ވަނީ މާ ރަނގަޅު ވާހަކަތަކެއް ކަމަށް ދެކެވެން ފަށައެވެ.
ލާދީނިއްޔަތާއި ދީން ގަބޫލު ނުކުރާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުން، އެކުރާ ނުބައި ކަންކަމަކީ އާންމު، އާދައިގެ ކަންކަން ކަމުގައި އެމީހުންނަށް ދެކެވެނީ ހަގީގަތުގައި އެ ފޮތްތަކުގެ ސަބަބުންނެވެ. މާގިނައިން އެފަދަ ފޮތްފޮތް ކިޔާ، އެ ފޮތްތައް މާ ކަމުގޮސްގެން އުޅޭތީއެވެ. އަހަރެމެން ފޮތް ކިޔަނީ އެނގުމުގެ ބޭނުމުގައެވެ. ނަމަވެސް ނޭނގެނީ އެފަދަ ފޮތްތަކުގައި ޣައިރު މުސްލިމުން ފޮރުވާފައި އަޑިނުބައި ފަލްސަފާ ތަކެވެ.
އަހަރެމެން މުސްލިމުންނަށް ވީ ހިނދު ކިޔަންވާނީ އިސްލާމްދީނާ ފުށު ނާރާ ފޮތްތަކެވެ. އިސްލާމްދީނުގެ އަސްލަކަށް އުނިކަމެއް ގެނެސްފައި ނުވާ ފޮތްތަކެވެ. އެއީ ކިތަންމެ މޮޅު ޕްރޮފެސަރެއް ލިޔެފައި އޮތް ފޮތެއް ކަމުގައި ވިޔަސް މެއެވެ. އެހެން ނޫންނަމަ، ޣައިރު މުސްލިމުންގެ އަޑިނުބައި ރޭވުމުގައި ޖެހި، އަހަރެމެންގެ ސާފު އަގީދާ ކިލަނބު ވެދާނެއެވެ.
މިއީ ފޮތް ކިޔުމުގައި އަހަރެމެން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެކެވެ. އަހަރެމެންގެ ބެލެނިވެރިންވެސް އެމީހުންގެ ދަރިންނަށް ކިޔަން ދެވޭ ފޮތްތަކުގައި މިފަދަ އަޑި ނުބައި ފަލްސަފާތަކެއް އޮތްތޯ ނުވަތަ ނޫންތޯ ބަލަންވާނެއެވެ. އިސްލާމް ދީނާ ފުށުއަރާ ނުވަތަ ކަސިޔާރު ވިސްނުމެއް ނުވަތަ ނަޒަރިއްޔާއެއް އޮތް ފޮތެއްތޯ ބަލަން ވާނެއެވެ. ނޫންނަމަ ބޮޑެތިވަމުން އަންނަ އަހަރެމެންގެ ދަރީންގެ އަގީދާ ކިލަނބުވެ، ދީނާ ސިޔާސަތު ވަކިކޮށް، ދީނާ ދިރިއުޅުން މުޅިންހެން ވަކި ކޮށްފާނެއެވެ. މިއީ ވިސްނާލުން މުހިންމު ކަމެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން