ށ.ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
ފެނަކައާ ރަސްމީކޮށް ފުނަދޫ އިންޖީނުގެ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފުނަދޫގެ ލޮބުވެތި ރައްޔިތުންގެ ބައިވެރިވުމާއެކު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. އަދި ފުނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު އެވެ.
މިއަދު ހަވީރު އެ ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.
މިއަދު ބޭއްވުނު ހަފްލާގައި ށ. ފުނަދޫ އިންޖީނުގެ ހިންގުމާ ފެނަކައިން ހަވާލުވުމާއެކު އެ އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ޚިދުމަތުގެ އިންޤިލާބީ ބަދަލު އެ ކުންފުނިން ވަނީ ފަށާފައެވެ.
މިގޮތުން، ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ 02 ޖެނެރޭޓަރު މިހާރު ވަނީ އެ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
