ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ބުރު ސްޕޯޓްސް އަތުން 2-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވިއިރު، ކްލަބު ޓީނޭޖުން ފަހަތުންއަރައި 2-2 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެއްވަރުކޮށްފިއެވެ.
މި ނަތީޖާއާއެކު ސަސް އޮތީ ތިން ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އެއް ޕޮއިންޓާއެކު ޓީނޭޖާއި ދަ ގްރާންޑޭ އޮތްއިރު، އެންމެ ފުލުގައި އޮތް ބުރަށް ޕޮއިންޓެއް ނުލިބެއެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.
ސަސް އިން މިއަދުގެ މެޗަށް ނިކުތީ މިދިޔަ އާދީއްތަ ދުވަހު ކުޅެން އޮތް އެފްއޭކަޕްގެ ތިންވަނަ ހޮވާ މެޗު ދޫކޮށްލުމުން އެފްއޭއެމުން އެ މައްސަލަ ބަލާނެ ކަމަށް ބުނެފައިވަނިކޮށެވެ. ބެލެވޭގޮތުގައި ސަސް އިން އެ މެޗުގައި ކުޅެން ދެކޮޅު ހެދީ އެ ޓީމުގައި ނިސްބަތުން ކުޑަ ސްކޮޑެއް އޮވެފައި، ގާތްގާތުގައި މެޗު ކުޅެން ޖެހުމުން ކޮލިފިކޭޝަން ބުރަށް ތައްޔާރުވުމަށް އެކަށީގެންވާ ވަރަށް ވަގުތު ބޭނުންވާތީ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ސަސްއާ ދެކޮޅަށް ބުރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ސަސްގެ ފުރަތަމަ ލަނޑުޖަހައިދިނީ އަހުމަދު ހަމީދު އެވެ.
ސަސް އިން ޖެހި ދެވަނަ ލަނޑު، އިތުރުވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިހަމް އަހުމަދު އެވެ. މިއީ ހިލޭޖެހުމަކުން އައިހަމް ކާމިޔާބުކުރި ގޯލެކެވެ.

ކޮލިފިކޭޝަން ބުރުގައި މިރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭ އިން ދެލަނޑުގެ ލީޑެއްގައި އޮއްވާ، ޓީނޭޖުން ވަނީ ފަހަތުންއަރައި 2-2 އިން އެއްވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ދަ ގްރާންޑޭ އިން ލީޑްނެގީ ހޫގޯ ރެޓަމާލް ވައްދާލި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދަ ގްރާންޑޭގެ ދެވަނަ ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާރިހް އެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ޓީނޭޖުގެ ބަހުޖަތު އަބްދުލް އަޒީޒު ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޓީނޭޖުން އެއްވަރުކުރި ލަނޑުޖަހައިދިނީ މިސްރު ފޯވާޑް އަލީ އަފީފީ އެވެ. ޓީނޭޖުން މި ލަނޑުޖެހުމުގެ ކުރީން، މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އަފީފީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.
މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ޓީނޭޖު ނިކުންނާނީ ސަސްއާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭއާ ބުރު ސްޕޯޓްސް ކްލަބެވެ.
