ޔުއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގެ ދެވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި 1-0 އިން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން ބަލިކޮށް 3-2ގެ އެގްރިގޭޓުން ކުރިހޯދައި ސްކޮޓްލެންޑްގެ ރޭންޖާސް އިން 12 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
މިއީ 2008 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭންޖާސް އާއި ސެލްޓިކުން ވާދަކުރާ ފުރަތަމަ ފަހަރެވެ.
ރޭންޖާސް އިން މިރޭގެ މެޗަށް ނިކުތްއިރު ފިޓްނަސް އާއި އަޚުލާޤީ މައްސަލައަކާ ހުރެ އެ ޓީމުގެ ފޯވާޑް އަލްފްރެޑޯ މޮރެލޯސް ސްކޮޑުގައި ނުހިމަނައެވެ.
އެއިންދޯވަންގެ ފިލިޕްސް ސްޓޭޑިއޯންގައި މިރޭ ކުޅުނު މެޗުގައި ޕީއެސްވީ އަށް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައިވާއިރު ރޭންޖާސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކޮލާކް އެވެ. މިއީ ޕީއެސްވީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި މަލިކް ޓިލްމަން ދިން ބޯޅައަކުން ގޯލާއި 6 ޔާޑު ދުރުން ކޮލާކް ކާމިޔާބުކުރި ގޯލެކެވެ. މިއީ އެ ޓީމަށް ކުޅެދިން 8 މެޗުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.
ޕީއެސްވީ އިން އެއްވަރުކުރަން މަސައްކަތުގެ ތެރެއިން އެ ޓީމުގެ ފިލިޕް މެކްސް ފޮނުވާލި ބޯޅަ ދަނޑިކައިރިން ބޭރަށް ދިޔައިރު، ކޯޑީ ގެކްޕޯ ހުހަށްހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ރޭންޖާސްގެ ކީޕަރު ޖޮން މެކްލަފްލިން އެވެ.
އޭގެފަހުން، ޕީއެސްވީގެ އިބްރާހިމާ ސަންގާރޭ ބޮލުން ފޮނުވާލި ބޯޅައަކާ އެ ޓީމުގެ ފޯވާޑް ލޫކް ޑި ޔޯން ފޮނުވާލި ހަމަލާ ވެސް ރޭންޖާސްގެ ކީޕަރު މެކްލަފްލިން ހުއްޓުވިއެވެ.
މި މެޗުގައި ރޭންޖާސްގެ ޓޮމް ލޯރަންސް އަށް އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ލޯރަންސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
