ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ރޭ ބޭއްވުނުއިރު، ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި އިންޓަ މިލާން އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ބާސެލޯނާ އާއި ބަޔާން އެއް ގްރޫޕެއްގައި ހިމެނުނުއިރު، ބާސެލޯނާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. މިއާއެކު، އެ ޓީމަށް ދެން ޖެހުނީ ޔުއެފާ ޔުރޮޕާ ލީގުގައި ވާދަކުރާށެވެ. މީގެކުރީން، ބާސެލޯނާއާ އެއް ގްރޫޕެއްގައި ވާދަކޮށް އިންޓަ ވަނީ ކަޓައިފައެވެ. މިފަހަރު ބަޔާންއާ ބާސެލޯނާ ބައްދަލުކުރާ މެޗު ހާއްސަވާނެ ކުޅުންތެރިއަކު ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ބަޔާންގައި 8 އަހަރު ހޭދަކުރުމަށްފަހު ލެވަންޑޯސްކީ ވަނީ މިފަހަރުގެ ސީޒަނަށް ބާސެލޯނާ އަށް ބަދަލުވެފައެވެ. މި ތިން ޓީމުގެ އިތުރުން ގްރޫޕު ސީ ގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ.
ދެން އެންމެ ފާހަގަކޮށްލެވޭ ގްރޫޕަކީ ޕީއެސްޖީ އާއި ޔުވެންޓަސް ހިމެނޭ ގްރޫޕް އެޗް އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ؛ ބެންފީކާ އަދި އިޒްރޭލްގެ މެކަބީ ހައިފާ އެވެ. ގްރޫޕް އެޗްގައި ކުޅެވިގެންދާ މެޗުތައް އެންމެ ހާއްސަވާނީ އާޖެންޓީނާގެ ވިންގާ އެންހެލް ޑި މާރިއާ އެވެ. ޑި މާރިއާ ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެފައެވެ. އަދި ޕޯޗުގަލްގެ ބެންފީކާ އަކީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކަށް ޑި މާރިއާގެ ކުޅުން ތަޢާރަފްކޮށްދިން ކްލަބެވެ.
އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑް ހިމެނުނީ ޖަރުމަނުގެ އާރްބީ ލިޕްޒިގު އާއި ޝަހުތަރު ޑޮނެސްކް އަދި ސްކޮޓްލެންޑްގެ ޗެމްޕިއަން ސެލްޓިކާ އެކު ގްރޫޕް އެފް ގައެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި ފަހަރުގެ މުބާރާތުގައި ވެސް ލިވަޕޫލުން ލައްވާލީ ނެދަލެންޑްސްގެ ޗެމްޕިއަން އަޔެކްސް އެމްސްޓެޑަމްއާ އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ނަޕޯލީ ވެސް މީގެކުރީން ވަނީ ލިވަޕޫލާ އެއް ގްރޫޕެއްގައި ހިމެނިފައެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ރޭންޖާސް އެވެ.
އިންގްލެންޑްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނުނީ ސެވިއްޔާ އާއި ބޮރޫޝިއާ ޑޯޓްމަންޑް އަދި ޑެންމާކްގެ ކޯޕަންހޭގަން އާއެކު ގްރޫޕް ޖީ ގައެވެ. 2020/21 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ޗެލްސީ ލައްވާލީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގައެވެ. ޗެލްސީގެ އިތުރުން ގްރޫޕް އީ ގައި ދެން ހިމެނުނީ؛ އިޓަލީގެ ޗެމްޕިއަން އޭސީ މިލާނާއި ސަލްޒްބާގް އަދި ޑިނަމޯ ޒަގްރެބް އެވެ.
މިފަހަރުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ޓީމުތައް ބެހިގެންދިޔަގޮތުން އެންމެ އާދައިގެ ގުރޫޕެއްގެ ގޮތުގައި ފާހަގަވެފައިވަނީ ގްރޫޕް ޑީ އެވެ. މިގްރޫޕުގައި ހިމެނެނީ ޔުރޮޕާ ލީގުގެ ޗެމްޕިއަން އެއިންޓްރަކް ފްރޭންކްފާޓްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާ އާއި ފްރާންސްގެ އޮލިމްޕިކް މާސޭ އަދި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އެވެ.
މީގެއިތުރުން، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއެކު ޕޯޗުގަލްގެ ޕޯޓޯ ހިމެނުނު ގްރޫޕް ބީ އަކީ ވެސް ފަސޭހަ ގްރޫޕެކޭ ބުނެވިދާނެ އެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އަދި ބެލްޖިއަމްގެ ކްލަބް ބްރޫޖެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް އަންނަ މަހުގެ 6/7 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައެވެ.
