ކޮވިޑް19ގެ ބަލިމަޑުކަން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށުން ފެނިފައިވުމާއެކު ބަލިފެތުރިފައިވާ ރަށްރަށަށް ކައިރިގައިވާ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލްތަކުގެ ސިއްޙީއެހީތެރިން ޒިޔާރަތްކޮށް ހަރަކާތްތެރިވެއެވެ. އެގޮތުން ބަލިފެތުރިފައިވާ ރަށަކަށް ޒިޔާރަތް ކުރުމަށްފަހު ސިއްޙީއެހީތެރިން އެބޭފުޅުންގެ އަމިއްލަ ރަށަށް ނުވަތަ ބަލިފެތުރިފައިނުވާ ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީންވާކަށް ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތީރުގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ އެގޮތަށް ބަލިފެތުރިފައިވާ ރަށްރަށަށް ޒިޔާރަތްކުރައްވާ ސިއްޙީއެހީތެރިން އެރަށްރަށުގައި ތިއްބެވި ވަގުތުތަކާއި، ކުރެއްވި ކަންތައްތަކާއި އަދި ކޮމިއުނިޓީއާއި އެކު ހިނގީ ކިހާވަރެއްގެ މުޢާމަލާތުތަކެއްތޯ ވަރަށް ބޮޑަށް މޮނީޓަރ ކުރަށްވާ ކަމަށެވެ. އެގޮތުން އެފަދަ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު ކަރަންޓީންވާންޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމަވާކަމުގައެވެ. ނަމަވެސް އާންމުގޮތެއްގައި ސިއްޙީހިދުމަތްތެރިން ކުރުމުއްދަތަކަށް ނުވަތަ ކުޑަވަގުތުކޮޅަކަށް އެރަށްރަށަށް ޒިޔާރަތްކުރާކުރުމުގައި ޕީޕީއީ އަޅައި ރައްކާތެރިވެގެން ތިބި ކަމުގައިވަނީ ނަމަ ކަރަންޓީންވާކަށް ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މިދެންނެވުނު ކަންކަމުގެ އިތުރުން، މިސާލަކަށް އެބޭފުޅުން ތިއްބަވާ އެކޮމޮޑޭޝަންއިން ނުވަތަ ރައްކާތެރިނޫންގޮތަކަށް ޑައިރެކްޓް ކޮންޓެކްޓެއް ވެއްޖެނަމަ ކަރަންޓީން ވާންޖެހޭނެ ކަމަށެވެ. އަދި އާންމު ޢާންމުފަރާތްތަކުންވެސް ބަލިފެތުރިފައިވާ ރަށަކުން ބަލިނެތް ރަށްރަށަށް ދަތުރުކުރާ އިރު ކަރަންޓީންވާންޖެހޭނެ ކަމުގައިވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.