އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް ބަލިކޮށް އާސެނަލުން އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
މިއީ އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 100 ވަނަ މެޗެވެ. މީގެތެރެއިން، 53 މެޗުން މޮޅުވިއިރު 16 މެޗުން އެއްވަރުވެފައިވެއެވެ. ބަލިވީ 31 މެޗުންނެވެ.
މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ބްރައިޓަން އަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން 7 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. މެޗަކުން ބަލިނުވެ ލީގު ފެށި ފުލަމް މިހާރު އޮތީ 5 ޕޮއިންޓާއެކު 11 ވަނައިގައެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ފުލަމް އިންނެވެ. މިއީ އާސެނަލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ފުލަމްގެ ސާބިއާ ފޯވާޑް އަލެކްސެންޑަ މިޓްރޮވިޗް ކާމިޔާބުކުރި ގޯލެކެވެ. އޭގެކުރީން، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް، ބުކާޔޯ ސަކާ އާއި ގެބްރިއެލް މާޓިނެއްލީ އަދި ގެބްރިއެލް ޖެސޫސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި އާސެނަލަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އޮޑެގާޑް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ސަކާ އެވެ. ޕެނަލްޓީއޭރިޔާ ތެރެއިން އޮޑެގާޑް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ފުލަމްގެ ކުޅުންތެރިއަކު ގައިގަ ޖެހިފައެވެ.
އޭގެފަހުން، އާސެނަލް މޮޅުވި ލަނޑު، 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް މަގަލޭޝް އެވެ. ފުލަމް އިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނަތާނިއަލް ޗަލޯބާ އިތުރުވަގުތުގައި ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ ހުއްޓުވާފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ދަނޑުގައި އެ ޓީމު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހީކުރި ގޮތާ ހިލާފަށް ކްރިސްޓަލް ޕެލަސް އިން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ޕެލަސް އިން ލީޑްނެގީ ސިޓީގެ އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އަދި އޭގެފަހުން، މެޗުގެ 21 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ނެގި ކޯނަރަކުން ޔަކީމް އެންޑަސަން ބޮލުން ވައްދާލި ލަނޑާއެކު ޕެލަސް އިން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ސިޓީގެ ޕޯޗުގީޒް މިޑްފީލްޑަރު ބެނާޑޯ ސިލްވާގެ ލަނޑުން ފަރަގު ކުޑަކޮށްފައިވަނިކޮށް އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ 19 މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއެކު މޮޅު ކަށަވަރުކޮށްދީފައެވެ. ސިޓީ އިން އެއްވަރުކުރި ލަނޑު، 62 ވަނަ މިނެޓުގައި ހާލަންޑް ޖެހީ ފިލް ފޯޑެން ނަގައިދިން ހުރަހަކުންނެވެ. އަދި އޭގެފަހުން، 70 ވަނަ މިނެޓުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ގޯލާއި ދިމާ އަށް ސްޓޯންސް ފޮނުވާލި ހަމަލާއެއްގެ އެހީގައެވެ. މެޗުނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ހާލަންޑްގެ ހެޓްރިކް ފުރިހަމަކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެ ޓީމުގެ ކެޕްޓަން އިލްކާއި ގުންޑޮގާން ދިން ޕާހަކުންނެވެ.
މިފަހަރުގެ ސީޒަނުގައި ލީގުގައި ކުޅުން ތިން މެޗުން މޮޅެއް ނުލިބި އޮތް ލިވަޕޫލުން މިރޭ ބޯންމައުތު ބަލިކުރީ 9-0 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް އެ ޓީމުން ފަސް ލަނޑުޖެހިއެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ނުވަ ލަނޑުގެ ތެރެއިން، ލުއިސް ޑިއާޒް އާއި ރޮބާޓޯ ފިރްމީނޯ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އަދި ފިރްމީނޯ ވަނީ އިތުރު ހަތަރު ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. ލިވަޕޫލްގެ އަނެއް ލަނޑުތައް ޖަހައިދިނީ ހާވީ އެލިއަޓް، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އާއި ވާޖިލް ވެން ޑައިކް އަދި ފަބިއޯ ކަވާލިއޯ އެވެ. އެ ޓީމުގެ އަނެއް ގޯލަކީ ބޯންމައުތުގެ ޑިފެންޑަރު ކްރިސް މެޕަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލީގުގައި މިރޭ ޗެލްސީގެ ދަނޑުގައި އެ ޓީމުން ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ލެސްޓާ ސިޓީ ބަލިކުރީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ 30 މިނެޓުގެ ތެރޭގައި ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު ކޮނާ ގަލަގާ އަށް ދެ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. ލެސްޓާގެ ހަމައެކަނި ލަނޑުޖަހައިދިނީ ހާވީ ބާންސް އެވެ.
މިދިޔަ ހަފްތާގައި 2-1 އިން ލިވަޕޫލް ބަލިކުރި މެންޗެސްޓާ ޔުނައިޓެޑުން މިއަދު ހަވީރު ވަނީ 1-0 ގެ ހަނި ނަތީޖާއަކުން ސައުތެމްޓަން އަތުން މޮޅުވެފައެވެ. މި މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ބްރެންޓްފޯޑުން 1-1 ގެ ނަތީޖާއަކުން އެވަޓަންއާ އެއްވަރުކުރިއިރު، ބްރައިޓަންގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.
