މިހާރު ކުރިއަށްދާ އޭޝިއާ ކަޕްގައި ރޭ ކުޅެވުނު ޓީ20 މެޗުގައި އިންޑިއާގެ އޯލްރައުންޑަރު ހާޑިކް ޕާންޑްޔާ ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުން ވާދަވެރި ޕާކިސްތާން ފަސް ވިކެޓުން ބަލިކޮށްފިއެވެ.

މިފަހަރުގެ އޭޝިއާ ކަޕްގައި ހަ ގައުމަކުން ވާދަކުރާއިރު، ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ. އިންޑިއާ އާއި ޕާކިސްތާން އަދި ހޮންކޮންގ ހިމެނެނީ ގްރޫޕް އޭ ގައެވެ. ގްރޫޕް ބީ ގައި ހިމެނެނީ؛ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ. ކޮންމެ ގްރޫޕަކުން ވެސް ގަދަ ދެ ޓީމު ކޮލިފައިވާނީ ދެވަނަ ބުރަށެވެ. އެއަށްފަހު، ދެވަނަ ބުރުގައި ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މެޗުން ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. ޕާކިސްތާނުން ކުޅެން އަރައި 19.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 147 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން މުހައްމަދު ރިޒްވާން 43 ލަނޑުހެދިއިރު، ދެން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 28 ލަނޑުހެދި އިފްތިކާރު އަހުމަދު އެވެ. ޕާކިސްތާންގެ ކެޕްޓަން ބާބަރ އާޒަމް ނުބައިވީ އެންމެ 10 ލަނޑަށެވެ.

މި އިނިންގްސްގައި އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ބުވްނޭޝްވަރު ކުމާރު އެވެ. އޭނާ ވަނީ ހަތަރު އޯވަރުގެ ތެރޭގައި 26 ލަނޑަށް 4 ވިކެޓް ނަގާފައެވެ. ދެން އެންމެ ފާހަގަކޮށްލެވުނީ 25 ލަނޑަށް ތިން ވިކެޓްނެގި ޕާންޑްޔާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މި މެޗުގައި ރަނގަޅު ކުޅެމެއްދެއްކި ޕާކިސްތާނުގެ އުކުންތެރިޔާ ނަސީމް ޝާޙު. --ފޮޓޯ: އޭއެފްޕީ/ގެޓީ އިމޭޖަސް

ޖަވާބުގައި އިންޑިއާ އިން ކުޅެންއަރައި 19.4 އޯވަރުގެ ތެރޭގައި މެޗު ކާމިޔާބުކުރީ، ބާކީ ދެ ބޯޅަ އޮއްވާ ފަސް ވިކެޓަށް 148 ލަނޑުހަދައިގެންނެވެ. އެ ޓީމަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ ނުބައިނުވެ 17 ބޯޅައިން 33 ލަނޑުހެދި ޕާންޑްޔާ އެވެ. މީގެއިތުރުން، އިންޑިއާ އިން މި މެޗު ކާމިޔާބުކުރިއިރު ޕާންޑްޔާ އާއި ރަވިންދުރަ ޖަޑޭޖާ ގުޅިގެން ފަސްވަނަ ވިކެޓަށް ހެދި 52 ލަނޑުގެ ޕާޓްނާޝިޕް މުހިއްމު ދައުރެއް އަދާކުރިއެވެ.

އިންޑިއާގެ އިނިންގްސްގައި ޖަޑޭޖާ ވަނީ 29 ބޯޅައިން 35 ލަނޑުހަދާފައެވެ. އެ ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާ ނުބައިވީ އެންމެ 12 ލަނޑަށެވެ. އިންޑިއާގެ ހުރިހާ ފޯމެޓެއްގައި ކުރީން ކެޕްޓަންގެ ޒިންމާ އަދާކުރި ވިރާތު ކޯލީ ވަނީ 34 ބޯޅައިން 35 ލަނޑުހަދާފައެވެ. 

ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ނަސީމް ޝާހު އާއި މުހައްމަދު ނަވާޒު އެވެ. މުޅިން އަލަށް ޓީ20 ގައި ޕާކިސްތާނަށް ކުޅުނު އުމުރުން 19 އަހަރުގެ ނަސީމް ވަނީ ހަތަރު އޯވަރުގެ ތެރޭގައި 27 ލަނޑަށް ދެ ވިކެޓްނަގާފައެވެ. ނަވާޒު ތިން ވިކެޓްނެގިއިރު، ޝަޑާބް ޚާންގެ ކުޅުން ވެސް ފާހަގަކޮށްލެވުނެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މާދަމާ ބަންގްލަދޭޝް ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އިންޑިއާ އަށް ދެން އޮތީ މި މަހުގެ 31 ވާ ބުދަ ދުވަހު ހޮންކޮންގ އާ ދެކޮޅަށް ކުޅޭ މެޗެވެ. ޕާކިސްތާނުން ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 2 ވާ ހުކުރު ދުވަހު ބައްދަލުކުރާނީ ހޮންކޮންގ އާ އެވެ.